ޚަބަރު

މޮނިޓަރިންގައި ނެތް ރަށްރަށުން މިހާރު އާއްމުކޮށް ދަތުރުކުރެވޭނެ


ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް އަޅާފައިވާ ފިޔަވަޅު ލުއިކޮށް މޮނިޓަރިންގެ ހާލަތުގައި ނެތް އެއް ރަށުން އަނެއް ރަށަށް އާއްމުކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދެމުންދަނީ ރައްކާތެރިކަމަށް ބެލުމަށްފަހު ޢާއްމުންނަށް ދިމާވަމުންދާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ފެތުރެމުން ދާން ފެށުމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ބޭނުންތަކަށް ދަތުރުކުރުން އޮތީ މަނާކޮށްފައެވެ. ނަމަވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވަމުން އަންނާތީ ފިޔަވަޅުތައް މަޑުމަޑުން އަންނަނީ ލުއިކުރަމުންނެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި ނުވާ، މީހުން ދިރިއުޅޭ އެއްރަށުން އަނެއްރަށާ ދެމެދު އަޅާފައިވާ ފިޔަވަޅު މިއަދުން ފެށިގެން އުވާލާ، އާންމުކޮށް ދަތުރުފަތުރު ކުރުމަށްވަނީ ހުޅުވާލާފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ނެތް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މިހާރު ކަރަންޓީން ވާން ނުޖެހެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑްގެ ކޭސްތައް ދައްވަމުން ދާތީ ފިޔަވަޅުތަކަށް ލުއި ދިނީ ރައްކާތެރިކަމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި ނުވާ، މީހުން ދިރިއުޅޭ އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު މިހާރު ކުރެވޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މިގޮތަށް ލުއިތަކެއް ދިން ނަމަވެސް މާސްކް އެޅުމާއި 3 ފޫޓުގެ ގައިދުރުކަމެއް ބެހެއްޓުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އާންމު އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވެއެވެ.

ރާއްޖޭގެ އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުން މޮނިޓަރިންގެ ހާލަތުގައި ނުވާ، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަށް ހުޅުވާލި ނަމަވެސް މާލޭ ސިޓީގައި ދިރިއުޅޭ މީހުންނަށް ދަތުރު ކުރެވޭނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކުރިއެކޭވެސް އެއްފަދައިން ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއެވެ. އަދި ގެސްޓް ހައުސް ހުންނަ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ގެސްޓް ހައުސް ހުރި ރަށްރަށަށް ދަތުރުފަތުރު ކުރެވޭނީ ކުރިއެކޭވެސް އެއްފަދައިން ޒަރޫރީ ބޭނުމެއްގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ރަށެއްގެ ކައުންސިލްގެ ހުއްދައާ ލައިގެން ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވެއެވެ.

ކޯވިޑް-19އާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޢާއްމުންނަށާއި ވިޔަފާރިތަކަށް ގިނަ ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނައުމަށްޓަކައި ކުރިއަށްއޮތް ދެހަފްތާގެ ތެރޭގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.