ވިޔަފާރި

ޕޮލެންޑުގެ "ލޫކް އެއަރ"ގެ ޗާޓަރ ދަތުރުތައް އަލުން ރާއްޖެއަށް


ބުލޫ ޕެނޮރާމާގެ "ލޫކް އެއަރ"އިން ރާއްޖެއާއި ޕޮލެންޑާއި ދެމެދު ޗާޓަރު ދަތުރުތައް އަލުން ފަށައިފިއެވެ.

މިއީ ޕޮލިޝް މާކެޓުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އިޓާކާ އާއި ސަން އޯޝަން މޯލްޑިވްސް ގުޅިގެން ފަށާ ދަތުރުތަކެކެވެ.

އިޓަލީގެ އެއަރލައިނެއްކަމަށްވާ ލޫކް އެއަރގެ ޗާޓަރު ދަތުރުތައް އަލުން ރާއްޖެއަށް ފެށީ އިއްޔެއެވެ. މި ދަތުރުގައި ރާއްޖެއަށް 297 ފަތުރުވެރިން ވަނީ އައިސްފައެވެ. ލޫކް އެއަރއިން ބުނީ ޕޮލެންޑާއި ރާއްޖެއާ ދެމެދު އެ އެއަރލައިނުން މިފެށި ޗާޓަރ ދަތުރުތައް އަންނަ އަހަރުގެ އޭޕްރިލްމަހާއި ހަމައަށް ކުރާނެކަމަށެވެ. އެގޮތުން ހަފްތާއަކު 1 ދަތުރު ރާއްޖެއަށް ކުރުމަށް އެ އެއަރލައިނުން ވަނީ ނިންމާފައެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އޭ330 މަރުކާގެ ބޯޓުތަކެވެ.

ލޫކް އެއަރއިން ވަނީ މީގެކުރިންވެސް ރާއްޖެއާއި ޕޮލެންޑާއި ދެމެދު ޗާޓަރު ދަތުރުތައް ބާއްވާފައެވެ. އެގޮތުން އެ އެއަރލައިންގެ އެންމެ ފުރަތަމަ ޗާޓަރ ދަތުރު ރާއްޖެއަށް ބާއްވާފައިވަނީ 20 ޖޫން 2019 ގައެވެ. މިއަހަރުގެ ތެރޭގައިވެސް އެ އެއަރލައިނުން ވަނީ ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ބާއްވާފައެވެ. އެ ދަތުރުތައް ފަށާފައިވަނީ ފެބްރުއަރީ 19 ވަނަ ދުވަހުއެވެ. ނަމަވެސް މޭމަހުގެ ތެރޭގައި ދަތުރުތައް ހުއްޓާލިއެވެ.

ޕޮލޭންޑްގެ އެންމެ މަގުބޫލު އެއް ޓުއަރ އޮޕަރޭޓަރ ކަމުގައިވާ އިޓާކާ އާއި ވިޒިޓް މޯލްޑިވްސް އަދި ސަން އޯޝަން ގުޅިގެން ވަނީ ޕޮލެންޑުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓް ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ޕޮލެންޑުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ފަތުރުވެރިންނަށް ރާއްޖެއާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.