މޭމަހުގެ ކަރަންޓު ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ކަސްޓަމަރުންނަށް ދީފައިވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިއާއިއެކު ސްޓެލްކޯއިން ވަނީ ސަރުކާރުގެ ނިންމެވުމާއި އެއްގޮތަށް އެކުންފުނީގެ ކަރަންޓާއި، ފެނުގެ ޚިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓު ދޭނެކަމަށް ބުނެފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މޭމަހުގެ ބިލް ކަސްޓަމަރުންނަށް ލިބޭއިރު ބިލް އަންނާނީ ކޯވިޑް19 ޑިސްކައުންޓާއިއެކުގައިކަމަށެވެ. މުޣުނީ ވިދާޅުވީ ޖޫންމަހުގެ ބިލުން ގާތްގަނޑަކަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ކަސްޓަމަރުންނަށް ދެވިފައިވާކަމަށެވެ.
"ޖޫންމަހު އަންނަ ބިލުގައި ވަކިން ކޯވިޑް19 ޑިސްކައުންޓްގެ ގޮތުގައި ވަކިން ޑިސްކައުންޓްގެ ގޮތުގައި ލިބޭ މިންވަރު ހިމެނިފައިވާނެކަމަށެވެ. މިމަހު މިއަންނަ ބިލުގައި ޑިސްކައުންޓް ހިމެނިގެންދާނެ. މިމަހު މިއަންނަ ބިލުގައި ޑިސްކައުންޓް ހިމެނިގެންދާނެ. ޖުމްލަކޮށް 50 އަކަށް މިލިއަން ރުފިޔާގެ ޑިސްކައުންޓް މިމަހުގެ ބިލުން އަޅުގަނޑުމެންނަށް ދެވިގެންމިދަނީ." ހަސަން މުޣުނީ ވިދާޅުވިއެވެ.
ގޭބީސީތަކުގެ ކަރަންޓު ބިލްތަކުން %40 ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމުމާއިއެކު 100 ރުފިޔާގެ ބިލަކަށް މިހާރު ދައްކަންޖެހޭނީ 60 ރުފިޔާއެވެ. އޭޕްރީލް މަހުން ފެށިގެން އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަންޖެހޭ އަދަދުން %20 ޑިސްކައުންޓްވެސް ސްޓެލްކޯއިން ވަނީ ދީފައެވެ.
ސަރުކާރުން ވަނީ ކޯވިޑް19ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މީގެ ކުރިންވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ.