ކަނޑައިގެން ގޮސްފައިވާ 2 ކަނދުފަތި ފިޝަރީޒް މިނިސްޓްރީން އަލުން ހަރުކޮށްފިއެވެ.
އޮއިވާލި ކަނދުފަތި އަޅަނީ ދޮށީގެ މަސްވެރިކަމުގެ ލާބައާއި މަންފާއަށްޓަކައެވެ.
ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ހަރުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އަންނަނީ ކުރަމުންނެވެ. އެންމެ ފަހުން ހަރުކޮށްފައިވާ 2 ކަނދުފައްޗަކީ ކ.ދިއްފުށި ކަނދުފައްޗާއި، ށ. ފުނަދޫ ކަނދުފައްޗެވެ. ކ. ދިއްފުށި ކަނދުފައްޗަކީ ކ.ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި އަޅާފައިވާ ކަނދުފައްޗެކެވެ. އަދި ށ.ފުނަދޫ ކަނދުފައްޗަކީ ފުނަދޫ އިރުން 11.5 މޭލު ބޭރު ގައި އަޅާފައިވާ ކަނދުފައްޗެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޝަރީޒް މިނިސްޓްރީން ވަނީ 55 ކަނދުފަތި އަޅާފައެވެ. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްވެސް ހިމެނެއެވެ.
ށ. ފުނަދޫ ކަނދުފަތި، ފުނަދޫގެ އިރުން 11.5 މޭލު ބޭރު ގައި މިއަދު ޤާއިމުކޮށްފި
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) June 10, 2021
(10.06.2021) pic.twitter.com/viggUQ1bre
ކަނދުފައްޗަކީ މަސްވެރިންގެ ލާބައަށް އަޅާ އެއްޗަކަށް ވުމުގެ ސަބަބުން ހުރިހާ ފަރާތްތަކުންވެސް ކަނދުފަތިތައް ވީހާވެސް ރަނގަޅަކަށް ބަލަހައްޓައިދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުއެވެ. މީގެސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އަދި މަސްވެރިކަމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ހޭދަ ކުޑަވެގެންދިޔައެވެ.
ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.