ޚަބަރު

ކޯވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާދިނުމަށް ޑީއެޗް-15 ޚާއްސަކޮށްފި


ކޯވިޑް-19އަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މާބަނޑު މީހުންނަށް ފަރުވާދިނުމުގެ ކަންކަން ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑްގައި އިތުރު ފަރުވާދޭންޖެހުނު މާބަނޑު މީހުންނަށް ފަރުވާދެމުންދިޔަ އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ ވޯޑް-އޭގައި ކޯވިޑަށް ފަރުވާދިނުން މިހާރު ހުއްޓާލާފައިވާކަމަށެވެ. އަދި މީގެ ފަހުން އެޑްމިޓްކުރާ މާބަނޑު ޕޭޝަންޓުންނަށް ފަރުވާދޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 15ވަނަ ފަންގިފިލާއިން ކަމަށެވެ.

އައިޖީއެމްއެޗްގެ ހިޔަލަ ވިންގަކީ އާންމު ހާލަތުގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާއާއި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ވިހެއުމުގެ ކަންކަން އިންތިޒާމްކޮށްފައިވާ އިމާރާތެވެ. ހިޔަލަ ވިންގުގެ ވޯޑް-އޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭން ފެށީ ކޯވިޑްގެ ރާޅާއެކު ގިނަ އަދަދެއްގެ މާބަނޑު މީހުން ޕޮޒިޓިވްވެ އެޑްމިޓްކޮށްގެން ފަރުދާންޖެހޭ މީހުންގެ ޢަދަދު އިތުރުވުމުންނެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް މިހާރުވެސް ވެންޓިލޭޓަރުގެ އެހީގައިދަނީ ފަރުވާދެމުންނެވެ. އަދި މާބަނޑު ބައެއް ޕޭޝަންޓުންގެ ހާލު ސިރިއަސްވެ، ދުވަސް ހަމަނުވަނީސް ބައެއް ބަލިމީހުންގެ ދަރިންވަނީ ނަގާފައެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 25 އަހަރުގެ ޒުވާނަކު އިއްޔެވަނީ ނިޔާވެފައެވެ.

އެންމެފަހުން ކުރިމަތިވި ސާޖްގައި ރާއްޖޭގައި ކޯވިޑްޖެހޭ މާބަނޑު މީހުންނާއި ކުޑަކުދިންގެ ޢަދަދު އިތުރުވެ، ބަލީގައި ނުރައްކާވާ މީހުންވަނީ ފާހަގަކުރެވިފައެވެ.

މީގެފަހުން މާބަނޑު މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 15ވަނަ ފަންގިފިލާގައި ފަރުވާދޭން ނިންމާފައިވާއިރު، ޑީއެޗް-17، ޑީއެޗް-16 އަދި އައިސީޔޫ ފެސިލިޓީއެއްގެ ގޮތުގައި ޑީއެޗް-11ގައިދަނީ ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދެމުންނެވެ.

ރާއްޖޭގައި ކޯވިޑް-19ޖެހިގެން މިހާރު 97 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، އޭގެތެރެއިން 7 މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 6 މީހަކަށް ފަރުފާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.