މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. އަހަރުގެ މިހާތަނަށް ދައުލަތައް ލިބުނު އާމްދަނީގެ %78 އަކީ ޓެކްސް އާމްދަނީއެވެ.
ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިފޯޓުން ދައްކާގޮތުން މިއަހަރުގެ ޖޫންމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 6.6 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތައް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުގެ ގޮތުގައެވެ. އެއީ 6.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އިން ލިބުނު އާމްދަނީއަކީ 5.1 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތައް 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީ ހުރީ 1.3 ބިލިއަންގައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 70.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 11.3 ބިލިއަނުގައެވެ. އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ރިކަރަންޓު ހަރަދުގެ ގޮތުގައެވެ. އެއީ %76 އެވެ. އަދި %24 ހަރަދުކޮށްފައިވަނީ ކެޕިޓަލް ހަރަދުތަކަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން 11.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިދިޔަ އަހަރަށްވުރެ މިއަހަރު ދައުލަތުގެ ޚަރަދުތައްވެސް ވަނީ ދަށްވެފައެވެ.