ބޭނުންވި ގޮތަށް ދިވެހިރާއްޖެއާއި ދެކޮޅަށް ޗައިނާއިން ކުޅުނުކަމަށާއި، އަލަށް ފުރުސަތުދިން ހުރިހާ ކުޅުންތެރިންވެސް ހިތްހަމަޖެހޭވަރުގެ ނަތީޖާއެއް ނެރެދީފިކަމަށް ޗައިނާގެ ކޯޗު ލީ ޓައި ބުނެފިއެވެ. ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެއާއި ޗައިނާ ވާދަކުރި މެޗު ޗައިނާއިން ކާމިޔާބުކުރީ ފަހެއް ސުމެއްގެ ބޮޑު ތަފާތަކުނެވެ. މި މެޗުގައި ޗައިނާގެ ކޯޗު ވަނީ ޓީމުގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސް ގިނަ އައު ކުޅުންތެރިންތަކަކަށް ފުރުސަތުދީފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗައިނާގެ ކޯޗު ލީ ޓައި ބުނީ ބޭނުންވި ގޮތަށް ކުޅެ ބޭނުންވިވަރުގެ ނަތީޖާއެއް ނެރެވިއްޖެކަމަށެވެ. އަދި މެޗުގެ ފަސް ގޯލް، ވަކި ފަސް ކުޅުންތެރިއަކު ޖެހުމަކީ ކޮންމެ ކުޅުންތެރިއަކުވެސް މި ޓީމުގައި ދެމިހުންނަން ބޭނުންވާ މިންވަރު ދައްކައިދޭކަމެއްކަމަށް އޭނާ ބުންޏެވެ. ޗައިނާގެ ކޯޗު ބުނީ އަލަށް ބެންޗުން އެރި ކުޅުންތެރިންވެސް މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފިކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ފުރުސަތުގެ ބޭނުންކުރުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ. އަދި މި ނަތީޖާއާއިއެކު ސީރިއާ މެޗަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ސަމާލުކަމެއްދީގެން ތައްޔާރުވާނެކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކުޅުންތެރިން ކުޅެފި. އަނެއްކޮޅުން ފަސް ގޯލް ޖަހާފައިވަނީ ތަފާތު ފަސް ކުޅުންތެރިން މިއީވެސް ކޮންމެ ކުޅުންތެރިއަކުވެސް މެޗުން މޮޅުވާން ބޭނުންވާ މިންވަރު އަންގައިދޭކަމެއް. އަހަރެން މިހިރީ ހިތްހަމަޖެހިފައި" ޗައިނާގެ ޤައުމީ ޓީމުގެ ކޯޗު ބުންޏެވެ.