ޚަބަރު

މިއީ ސިޔާސީ ގޮތުން ހަލަބޮލިކުރަންވީ ވަގުތެއްނޫން، މާބޮޑެތި މަސައްކަތްތައް އެބަހުރި - ރައީސް


މިވަގުތި އެންމެ އިސްކަމެއް ދެއްވަނީ ސިޔާސީ ހަލަބޮލިކަމަށް ނުގޮސް ޤައުމުގައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވާދެއްވާ އެކަންކަމުން އަރައިގަތުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕާޓީތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ދެމުންގެންދާ ބަހުގެ ހަމަލާތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ޤައުމުގެ ހާލަތަށް ރިއާޔަތްކުރައްވާ އެމަނިކުފާނުގެ މިވަގުތު އެންމެ ކަންބޮޑުވާ ކަންކަމާއި ދެކެވެޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ ނުރައްކާތެރި ބިރުވެރި ކަމެއްކަމަށާއި، އެއީ ރާއްޖޭގައި އެފަދަ ކަމެއް އިތުރަށް ތަކުރާރުވެގެން ނުވާނެފަދަ ބިރުވެރިކަމެއްކަމަށެވެ. ރައީސް ވިދާޅުވީ މި ހަމަލާދިން ބަޔަކާއި މިކަމުގެ ފަހަތުގައި ފޮރުވިފައި ފިލާ ތިބި ބައެއް ހޯދާ އެކަމުން ޤައުމު ސަލާމަތްކުރަން ޖެހޭކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަނީ މި މައްސަލާގައި އެކި ވާހަކަތައް ދެކެވެމުން އައިސް މައްސަލައިގެ އަސްލު ގެއްލި މުޅިން އެހެން ދިމާލަކަށް އަމާޒި ހިފާފައި ހުރިތަން ކަމަށެވެ. އެކި ވާހަކަތައް ފެތިރުމުގެ ބަދަލުގައި މިވަގުތު އަމާޒަކަށްވާންވީ، އެފަދަ ކަންކަން ރާއްޖޭގައި ހިނގިޔަނުދީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ 2008 އަކުން ފެށިގެން މިހާތަނަށް އައި އިންތިޚާބުތަކުގެ ތެރެއިން 2019ގައި ލިބުނު ކާމިޔާބީގައި ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭކަމަށެވެ. އެއިންތިޚާބުތައް ކާމިޔާބުކުރުމަށް މަސައްކަތްކުރެއްވި ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާކަމަށާއި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރައީސް ނަޝީދުކަމަށް ގަބޫލުފުޅުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ބައެއްގެ މަސައްކަތުން އަޅުގަނޑުމެންނަށް އާދެވިފައިއޮތް ހިސާބެއްމިއީ. މިއީ ވަރަށް ރަނގަޅު ފުރުސަތެއް މި ޤައުމު ސަލާމަތްކުރަން. ސަރުކާއި ރައްޔިތުންގެ މަޖިލީހާއި އެކީގައި މަސައްކަތްކޮށްގެން ޤައުމު ވެއްޓިފަ މިއޮތް ބިރިވެރި އަނދަވަޅުން ސަލާމަތްކުރުމަށް ކުރެވެން ހުރި ވަރަށް ބައިވަރު މަސައްކަތް އެބަހުރި. މިއީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށްދާންވީ ވަގުތެއްނޫން. އެއަށްވުރެ މާބޮޑެތި މަސައްކަތްތަކެއް އެބަހުރި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ހިންގާ ޕާލިމެންޓަރީ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންކުއަރީ ކުރިއަށްދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން 241 ކޮމިޓީގެ މުޤައްރިރުގެ ޔަގީންކޮށްދެއްވާފައިވާކަމަށެވެ. އަދި ސަރުކާރުން އެއްބާރުލުން ލިބެމުންދާކަންވެސް ކޮމިޓީން ހާމަކޮށްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެމްއެންޑިއެފުން ނެއްރުއްވާފައިވާ ބަޔާނާއެކީގައި އެބޭފުޅުން އެގެންދަވަނީ ކޮމިޓީއަށް އެއްބާރުލުން ދެމުން. އަދި އޭގެ އިތުރުން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުއެއް ހުރަސް ނާޅުއްވާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައިވީނަމަވެސް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މަޖިލީހުން ހިންގާ އިންކުއަރީއަށް ހުރަސް އަޅަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރަން ފެށީ ވަކިވަކި އޮފިސަރުންގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ވިދާޅުވުމުންނެވެ.

އިންކުރީއަށް އެއްވެސް މީހެއްގެ ނުފޫޒެއް ނެތްކަމަށާއި، ސަރުކާރުން އެއްބާރުލުން ލިބެމުންދާކަން 241 ކޮމިޓީން ހާމަކޮށްފައިވާއިރު، ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ސިފައިންގެ އެންމެ މަތީ ފަންތީގެ ބޭފުޅުންވަނީ މަޖިލީހަށް ވަޑައިގެން އިންކުއަރީއަށް މައުލޫމާތުދެއްވާފައެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ މަޖިލީހަށް ހާޒިރުވެ އިންކުއަރީއަށް މައުލޫމާތުދެއްވާފައެވެ.