ބ. އޭދަފުށި ފޭލި ޖަމިއްޔާ އާއި ފުލުހުން ގުޅިގެން އައުޓްބޯޑު އިންޖީނު
މަރާމާތުކުރަން ދަސްކޮށްދޭ ޓެރޭނިންގް ޕްރޮގްރާމެއް ފަށައިފިއެވެ.
ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ ހިލޭ އެހީގެ ދަށުން އޭދަފުށީގައި
ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުނީ އިއްޔެ މެންދުރުފަހު އޭދަފުށީ މަލްޓިޕާޕަސް
ހޯލްގައި ބޭއްވި ރަސްމިއްޔާތަކަށްފަހުއެވެ. ފޭލި ޖަމްއިއްޔާއިން ބުނީ މިއީ އޭދަފުށިގައި
އައުޓްބޯޑު އިންޖީނު އުޅަނދުފަހަރު އިތުރުވަމުންދާތީ، އެއުޅަނދުފަހަރަށް
އަހުލުވެރި ފަންނީ މީހުން ތައްޔާރުކުރުމަށް ހިންގޭ ޕްރޮޤްރާމެއްކަމުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އެސްޕީ
ހަމްދޫން ރަޝީދު ވިދާޅުވީ މިކޯހަކީ ޒުވާނުން ފަންނީ އެކި ދާއިރާތަކުން
ތަމްރީންކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދީ ކުށުގެ ވެށިން
ޒުވާނުން ދުރުކުރަމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ
ބޮޅެއްކަމަށެވެ. މިފަދަ އިތުރު އެތައް ކޯސްތަކެއް ޒުވާނުންނަށް އަމާޒުކޮށްގެން
ފުލުހުން މިހާތަނަށް ހިންގާފައިވާކަން ޗީފް އެސްޕީ ހަމްދޫން ރަޝީދުގެ
ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، މިފަދަ އިތުރު ކޯސްތައް
ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަންވެސް ޗީފް
އެސްޕީ ހަމްދޫން ރަޝީދު ފާހަގަކުރެއްވިއެވެ.
މި ކޯސް ހިންގުމުގައި ހަސަން ކޯ މެރިންއާއި އެލިއާއިން ފަންނީ އެހީތެރިކަން
ފޯރުކޮށްދެއްވާކަމަށްޓަކައި އެބޭފުޅުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމުގައި
ޗީފް އެސްޕީ ހަމްދޫން ރަޝީދު ވަނީ ޝުކުރު ދަންނަވާފައެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރޭނިންގްގައި
ޖުމްލަ ތިރީސްހަތަރު މީހުން ބައިވެރިވާކަމަށް ފޭލި ޖަމްއިއްޔާއިން ބުނެއެވެ. ފޭލިން ބުނީ މިޕްރޮޤްރާމްގައި
ކިޔަވައިދެއްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހާއި ހަސަން މެރިން އާއި
އެލިއާގެ ތަޖުރިބާކާރުންކަމުގައެވެ.
ފަންނީ މީހުން ތަމްރީން ކުރުމަށް އޭދަފުށީ ފޭލިޖަމްއިންޔާއިން މިދިޔަ
އަހަރުތަކުގައި ގިނަ އަދަދެއްގެ ޕްރޮގްރާމްތަކެއް އޭދަފުށީގައި
ކުރިޔަށްގެންގޮސްފައިވެއެވެ.