ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތައް ލާމަރުކަޒުކުރުމުގެދަށުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ މަސައްކަތް އެ ދެ ސިޓީގެ ކައުންސިލާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ޙިމާޔަތްކޮށްފައިވާ ކުޅިތަކާއި ނޭޗަރ ޕާކު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ދެ ސިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އަލީ ނިޒާރުއެވެ. ފުވައްމުލައް ސިޓީގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އިސްމާއިީ ރަފީޤްއެވެ.
މިއެއްބަސްވުމުގެ ދަށުން އީދިގިލިއާއި ކޯއްޓޭއާއި އައްޑޫ ނޭޗަރ ޕާކާއި، ފުވައްމުލަކު ބަންޑާރަ ކިޅިއާއި ދަނޑިމަގެ ކިޅިއާއި ނޭޗަރ ޕާކު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލްތަކާވަނީ ހަވާލުކޮށްފައެވެ.
މިސަރަޙައްދުތައް ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ވަރޗުއަލް ބައްދަލުވުމުގައި އެންވަޔަރަންންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މިފަދަ ތަންތަން ޙިމާޔަތްކުރުމުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ އަދި އިޖްތިމާއީ ގޮތުން ފައިދާ ކުރާކަމަށެވެ. މިފަދަ މާޙައުލުތަކަކީ އެއިން ފައިދާތަކެއް ހޯދޭ ގުދުރަތީ ވަސީލަތަތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކުޅިތަކާއި ޗަސްބިންތައް ޙިމާޔަތްކުރުމުގެ މަސައްކަތުގެ އިތުރަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިނިސްޓަރ ވިދާޅުވީ އިތުރު 3 އަތޮޅެއްގެ ކަނޑާއި ފަރުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
"ހައްދުންމައްޗާއި އަރިއަތޮޅާއި މާޅޮސްމަޑުލު ދެކުނުބުރި ހިމެނޭ ޙިމާޔަތްކުރާ ސަރަޙައްދުގެ ތެރޭގައި. ސަރުކާރުގެ ޢަމާޒަކީ 2030ގެ ކުރިން ރާއްޖޭގެ ކަނޑުގެ %20 ޙިމާޔަތްކުރުން." މިނިސްޓަރ ވިދާޅުވިއެވެ.
ރަށްރަށުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ކައުންސިލްތަކާ ހަވާލުކުރުމަކީ، އިތުރު ގޮތްތަކުން ކުރިއެރުން ލިބޭނެ ކަންކަމުގެ ގޮތުގައި ސިޓީ ކައުންސިލްތަކުންވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ލޯކަލް ޓުއަރިޒަމާއެކު ރަށަށް އިތުރު މަންފާ ލިބޭނެ މަގު ފަހިވެގެންދާނެކަމަށާއި މީގެސަބަބުން ރައްޔިތުންނަށް އިޖުތިމާޢީ ކުރިއެރުންތައް އަންނާނެކަންވަނީ ފާހަގަކޮށްފައެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި ނޭޗަރ ޕާރކުތަކަކީ މިހާރުވެސް އާއްމުންނާއި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަންތަނެވެ.