ކުޅިވަރު

ޔޫރޯގެ ކުރިން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު ފްރާންސުން ކާމިޔާބުކޮށްފި


އަންނަހަފްތާގެ ހުކުރުދުވަހު ފެށުމަށް ހަމަޖެހިފަވާ ޔޫރަޕު ގައުމުތަކުގައި މެދު ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ފްރާންސުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑު ކުޅުނު މެޗު ފްރާންސް މޮޅުވީ ވޭލްސްއާ ވާދަކޮށް 3-0 ލަނޑުންނެވެ. ދުނިޔޭގެ ޗެމްޕިއަން މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަންގެ އިތުރުން އޮސްމާނޭ ޑެމްބެލޭއެވެ. މެޗުގެ ވޭލްސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ 25 ވަނަ މިނިޓުގައި އިނގިރޭސި ކުލަބު ލިވަޕޫލަށް ކުޅެމުން އަންނަ ވިލިއަމްސްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ. މިއީ ވީއޭރް ބެލުމަށްފަހު ޕެނެލްޓީ އޭރިޔާ ތެރެއިން ގަސްތުގައި ބޯޅައިގެ އަތްލުމުގެ ސަބަބުން ދިން ޕެނެލްޓީއެކެވެ. މިއީ ވިލައަމްސް ވޭލްސް ގައުމީޓީމަށް ކުޅުނު 10ވަނަ މެޗެވެ. އެހެންނަމަވެސް ފްރާންސުން ލީޑް ނެގުމުގެ ކުރިން ލިބުނު ޕެނެލްޓީ ބެންޒީމާއަށް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. މިއީ ފަސްއަހަރު ފަހުން އޭނާ ފްރާންސްގެ ޖާޒީގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފުރަތަމަ މެޗު ޖަރަމަނާ ދެކޮޅަށް ނުކުތުމުގެ ކުރިން ފްރާންސް އަންގާރާދުވަހުގެރޭ ބަލްގޭރީއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ބަލިވީ ފައިނަލުގައި ޕޯޗުގަލް އަތުންނެވެ.