ރާއްޖޭގައި ފްލައިން ސުކޫލް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އައިލެންޑް އޭވިއޭޝަން ސަރވިސްއިން ހުޅުވާލައިފިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލީ ގޮތުން ގާބިލުކަންހުރި އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ބޭރުގެ ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލާކަމަށެވެ. އަދި ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންކަމަށާއި، އެތަން ހިންގާނީ މިނިވަންކަމާއެކުކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.
މިކަމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދަމު 1200 އެވެ. މި ތާރީހުގެ ފަހުން ލިބޭ އެއްވެސް މެއިލްއެއް ބަލައިނުގަންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފްލައިން ސުކޫލް ހިންގާނީ ރާއްޖޭގެ އެއަރޕޯޓެއްގައިކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.
ފްލައިން ސުކޫލް ހިންގުމަށް ޝައުގުވެރިކަން ފާލުކުރާ ފަރާތްތަކަކީ، މީގެ ކުރިން ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭނެއެވެ. އަދި ކުންފުނީގެ އަމިއްލަ ގައުމުގެ އިތުރުން އިތުރު ދެ ގައުމުގައި ފްލައިން ސްކޫލު ހިންގުމުގެ މަސައްކަތް ކޮށްފައި އޮންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން އިވެލުއޭޓު ކުރާނީ ސްކޫލު މެނޭޖު ކުރުމުގެ ގާބިލުކަން ހުރިވަރާއި މާލީ ގާބިލުކަމަށް ބަލައިގެންކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.
އައްޑޫ ފްލައިން ސްކޫލުގެ މައްސަލައިގައި ޓްރާސްޕޯޓް މިނިސްޓަރ ނަހުލާ މަޖިލީހުގައި މީގެކުރިން ވިދާޅުވެފައިވަނީ އައްޑޫ ފްލައިން ސްކޫލުގެ މައްސަލައަށް އޮތް ހައްލަކީ އެހެން ސްކޫލެއް ޤާއިމްކުރުންކަމަށެވެ.
އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސުކޫލްގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުމާމެދު ހުރި ގިނަ ޝަކުވާތަކެއް މީގެކުރިން އެކުދިން ވަނީ ކަމާބެހޭ ފަރާތްތަކަށްވެސް އެކި ފަހަރުމަތިން ހުށައަޅާފައެވެ. މީގެތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170 އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުން ނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަތައް ހިމެނެއެވެ.