ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އެޅި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއެކު މިދިޔަ އަހަރުގެ ބަޖެޓުން ޖުމުލަ 9 ބިލިއަން ރުފިޔާ ކުޑަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ހުރިހައި ޤައުމެއްގެ އިޤްތިޞާދުވެސް ވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިއަހަރު ދައުލަތުގެ ޢާމްދަނީ ވަރަށްބޮޑަށް ދަށައްގޮސްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ. މިދިޔަ އަހަރު ފާސްކޮށްފައިވާ ބަޖެޓުގެ ޖުމްލަ ޢާމްދަނީއަކީ 37.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް މީގެތެރެއިން ޚަރަދުކޮށްފައިވަނީ 28.9 ބިލިއަން ރުފިޔާކަމަށާ، އެހެންކަމުން ސަރުކާރުން އެޅި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއެކު މިދިޔަ އަހަރުގެ ބަޖެޓުން 9 ބިލިއަން ރުފިޔާ ކުޑަކުރެވިފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
"2020ވަނަ އަހަރުގެ ބަޖެޓްގެ ޖުމްލަ ޢަދަދަކީ 37.9 ބިލިއަން ރުފިޔާ. ނަމަވެސް އަޅުގަނޑުމެން އަހަރު ނިމުނުއިރު ޚަރަދުކޮށްފައިވަނީ ގާތްގަނޑަކަށް 28.9 ބިލިއަން ރުފިޔާ. އޭގެއިން އަޅުގަނޑުމެންނަށް ފާހަގަވެގެންމިދަނީ 2020ވަނަ އަހަރުގެ ބަޖެޓުން ގާތްގަނޑަކަށް އަޅުގަނޑުމެން އެއިރު އެޅި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގެ ޚަރަދު އަޅުގަނޑުމެންނަށް ވަނީ ކުޑަކުރެވިފައި. 2020ވަނަ އަހަރުގެ ބަޖެޓުން ކޯވިޑް-19އާ ގުޅިގެން އިތުރު ޚަރަދުކުރަން ޖެހުނުކަންވެސް އަޅުގަނޑު ފާހަގަކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ. މީގެ ބޭނުމަކީ ކޯވިޑް-19އާ ގުޅިގެން ކުރަންޖެހުނު އިތުރު ޚަރަދުތަކަށާއި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖާގަ ހޯދުމާއި ކޭޝްފްލޯ ބެލެހެއްޓުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"2020ވަނަ އަހަރުގެ ބަޖެޓުން ޚަރަދުކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އެޅިން. އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލާނަން ފުރަތަމަ ކަމަކަށް ބޮޑެތި މުސާރަލިބޭ ފަރާތްތަކުން ގާތްގަނޑަކަށް 5 މަސްދުވަހުގެ މުސާރައިން އިންސައްތައެއް ކުޑަކުރިން. އަދި އޭރު ސަރުކާރުން ނުފަށާހުރި ގިނަ ޕީއެސްއައިޕީ މަޝްރޫއުތައް އަޅުގަނޑުމެން މަޑުޖައްސައިލިން. އަދި ސަރުކާރުގެ އެކިއެކި ދަތުރުފަތުރުތަކާއި މަރާމާތުތަކަށް ކުރާ ޚަރަދުތައްވެސް އަޅުގަނޑުމެން މަޑުޖައްސާލިން." މިނިސްޓަރ ވިދާޅުވިއެވެ.
2020ވަނަ އަހަރު ނިމުނުއިރު ބަޖެޓް ޑެފިސިޓް ހުރީ ގާތްގަނޑަކަށް 12.5 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން %18.9 ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. 2020ވަނަ އަހަރު ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިނަމަވެސް ދައުލަތުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.