ވިޔަފާރި

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފި


ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައި ވިދާޅުވީ ރާއްޖެ ޕާކިސްތާންގެ ކެޓަގަރީ 'ސީ'ގެ ލިސްޓުގައި ރާއްޖެ ހިމެނާފައިވާކަން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން އަންގާފައިވާކަމަށެވެ. އަދި ކެޓަގަރީ 'ސީ'ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުން މަނާވާނެ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް ފެސިލިޓީސްތަކުން މިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް ޕާކިސްތާނުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މިފަހުން ވަނީ ކެޓަގަރީ 'ސީ'ގެ ލިސްޓަށް 15 ޤައުމެއް އިތުރުކޮށްފައެވެ.

ޕާކިސްތާނުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކޯވިޑްގެ ބަލިމަޑުކަން އޮތް ހާލަތަށް ބަލައި އެކި ކެޓަގަރީތަކަށް ޤައުމުތައް ބަހާލާފައެވެ. އެގޮތުން ކެޓަގަރީ 'އޭ' ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވާ މީހުން ޕީސީއާރު ޓެސްޓު ހަދާކަށް ނުޖެހެއެވެ. އަދި ކެޓަގަރީ 'ބީ'ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުމަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ހުށަހަޅަން ޖެހެއެވެ. އަދި ކެޓަގަރީ 'ސީ' ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް މީހުން އެތެރެވުން މަނާވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ރާއްޖެއިން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.