ޚަބަރު

ފެންބިލުން %30، ކަރަންޓު ބިލުން %40 ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ. މިގޮތުން އަންނަ މަހުން ފެށިގެން ފޯރުކޮށްދެއްވުމަށް ނިންމެވި އެހީތެރިކަމުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ، ފެންބިލުން %30 ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ވިޔަފާރި ކުރާ ތަންތަނުން %20 ޑިސްކައުންޓެއް ދިނުމަށް ނިންމާވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގޭބިސީ ތަކުގެ ކަރަންޓް ބިލްތަކުން %40، އަދި ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލްތަކުން %20 ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އިތުރު ލުއިތައްވެސް ރައްޔިތުންނަށް ދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެންމެބޮޑު ދަތިތަކެއް އަދި ގެއްލުންތަކެއް ވާނީ ކުދި ވިޔަފާރިތަކަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށްޓަކައި ކުދި ވިޔަފާރިތަކަށް، ލުއި ލޯނުތަކެއް ދިނުމަށް ނިންމަވާފައި ވާކަމަށެވެ. އޭގެ ތެރޭގައި ކެފޭ، ރެސްޓޯރެންޓާއި ޖިމްތަކާއި ސެލޫންތަކަށް ލުއި ލޯނު ދެއްވާނެކަމަށާ، އެކަމަށްޓަކައި ޤައުމީ ބޭންކު ބީއެމްއެލްއިން ޖޫންގެ ތެރޭފައި 375 މިލިއަން ރުފިޔާ ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާލަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްކަމަށާ، މިމަސައްކަތުގައި މިހާލަތުގައި ދެވެންއޮތް އެންމެ މަތީ މިންވަރަކަށް ލުއި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.