ޚަބަރު

ކުރީގެ އޮޑިޓަރ ޖެނަރަލް އިސްމާޢީލް ފަތުޙީ ކޯވިޑް ބަލީގައި އަވާހާރަވެއްޖެ


ރާއްޖޭގެ ކުރީގެ އޮޑިޓަރ ޖެނަރަލް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ ކޯވިޑް-19 ބަލީގައި އަވާހާރަވެއްޖެއެވެ.

ޢުމުރުން 80 އަހަރުގެ އިސްމާޢީލް ފަތުޙީ އަވަހާރަވީ، ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 17ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 17:40ގައިކަމަށް މަޢުލޫމާތުލިބެއެވެ.

އިސްމާޢީލް ފަތުޙީއަކީ ރާއްޖޭގެ އޮޑިޓަރ ޖަނަރަލްގެ މަޤާމުގެ އިތުރުން މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްމާޢީލް ފަތުޙީވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. 16 ޖެނުއަރީ 2008ގައި ސަރުކާރުންވަނީ ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ ޝަރަފު އިސްމާޢީލް ފަތުޙީއަށް އަރުވާފައެވެ.

ރާއްޖޭގައި ފުރަތަމަ އެކައުންޓެންޓް އަދި ކޮމާސް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ދިވެއްސަކީވެސް އިސްމާޢީލް ފަތުޙީއެވެ. އޭނާވަނީ އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީން 1969 ވަނަ އަހަރު ކޮމާސް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އިސްމާޢީލް ފަތުޙީއަކީ ސަރުކާރުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގައި، ސަރުކާރުން ގެންގުޅުއްވި އުޞޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖްރިބާކާރު ބޭފުޅެކެވެ. 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް އެމަނިކުފާނުވަނީ ކޮށްދެއްވާފައެވެ.

ޅ.ނައިފަރަށް ނިސްބަތްވެވަޑައިގަންނަވާ އިސްމާޢީލް ފަތުހީ އަކީ ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛޫ މޫސާ ފަތުހީގެ ކޮއްކޯފުޅެވެ. ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ (ނޢޢވ)ގެ ޝަރަފް އިސްމާޢީލް ފަތުޙީއަށް ދިވެހިސަރުކާރުން ދެއްވީ 2013ވަނަ އަހަރުއެވެ.