ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަޙުމަދު ޒައިން ޒަރީރު ހޮވިއްޖެއެވެ.ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އަހުމަދު ޒައިން ޒަރީރު ހާސިލްކޮށްފައިވާއިރު، އޭނާވަނީ މިއަހަރުގެއޭލެވެލް އިމްތިޙާންގެ ދިވެހި އަދި އިސްލާމް މާއްދާއިން އޭ ފާސް ހޯދައި އަދި އެހެނިހެން މާއްދާތަކުން އޭ ސްޓަރ ހޯދާފައެވެ. ޒައިން ވަނީ ސީއެޗްއެސްއީން މިއަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުގެ މަޤާމްވެސް ހާސިލްކޮށްފައެވެ.ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރު އަޙުމަދު ޒައިން ޒަރީރަށް ޓްރޮފީ އާއި މެޑަލާއި، ޝީލްޑް އަދި ހަނދާނީ ލިޔުމާއި ފައިސާގެ އެހީ ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރިމެހެމާނު ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާސްއެވެ.މިޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާސް ވިދާޅުވީ ލިބޭ މަޢުލޫމާތާއި ހުނަރު ރަގަޅުގޮތުގައި ބޭނުންކޮށްގެން ޤައުމަށް ފައިދާހުރި ޒުވާނުންތަކަށް ވުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ބަވަނަވެފައިވާ ދުނިޔޭގައި ކުރިއަށްދެވެން އޮތީ ތަޢުލީމީ ދަޢުރު ރަގަޅު ގޮތުގައި ނިންމައިގެންކަން ފާހަގަކުރައްވާ މަތީ ތަޢުލީމަށް ހުރި ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ ދަރިވަރުންނަށް ގޮވާލެއްވިއެވެ.އީނާސް ވިދާޅުވީ މިހާރު އުޅެމުންމިދާ މުޖުތަމައަކީ ތަފާތު އެކި މީހުންނާއެކު އުޅެމުންދާ މުޖުތަމަޢެއްކަމަށްވުމުން އެކި މީހުންގެ ހުންނަ ތަފާތުތަކާއެކު އަނެކާގެ އިހުސާސްތަކާއި ހައްޤުތަކަށް އިހުތިރާމްކުރަން ދަސްކުރަންޖެހޭކަމަށެވެ.ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވީ އޭލެވެލް އިމްތިހާންގައި ރަގަޅު ނަތީޖާތަކެއް އެސްކޫލްގެ ދަރިވަރުން ހޯދާފައިވާކަމަށެވެ.ފާއިތުވި އަހަރު ސީއެޗްއެސްއީގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި އަހުމަދު ޒައިން ޒަރީރު ބުނީ މިހާ ހިސާބަށް އާދެވިފައިވަނީ ވަކި ގޮތްތަކަކާއި، އުސޫލުތަކެއްގެ މައްޗަށް އަމަލުތައް ބިނާކޮށްގެންކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްދިނީ ދީނީ ކަންތައްތަކަށްކަމަށާއި، ރަގަޅު ނަތީޖާއެއް ހޯދުމަށް ކުރި މަސައްކަތުގައި މައިންބަފައިންނާއި މުދައްރިސުންގެ ބަސް އަހައި އިމްތިޙާންތަކަށް ދުރާލާ ތައްޔާރުވިކަމަށެވެ.މި ރަސްމިއްޔާތުގައި މިދިޔަ އަހަރު ސީއެޗްްއެސްއީގެ އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު 304 ދަރިވަރަކަށް އިނާމުދީފައިވެއެވެ.އެސެންޓަރުން އޭލެވެލް އިމްތިޙާންގައި 531 ދަރިވަރަކު ބައިވެރިވެފައިވާއިރު، 142 ދަރިވަރަކު ސްކޫލް ޓޮޕްޓެންގައި ހިމެނިފައިވެއެވެ. މީގެ އިތުރަށް މިދިޔަ އަހަރު ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެސްކޫލަށް ރަން ވަނަ ހޯދައި ދިން ދަރިވަރުންގެ އިތުރުން، ކިޔެވުމާއިކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީފާހަގަކޮށް އެދަރިވަރުންނަށް ވެސް މި ރަސްމިއްޔާތުގައި އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްފައިވެއެވެ. އަދި މުދައްރިސުންގެ އަގުވަޒަންކޮށް މެޑަަލް ވެސް ހަވާލުކޮށްދީފައިވެއެވެ.ރޭ ދަރުބާރުގޭގައި ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.