ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00އިން ހަވީރު16:00އަށެވެ. މާލެއާއި އަތޮޅުތެރޭގައި 12 ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާއިރު ބައެއް ދާއިރާތަކުގައި ވޯޓުލުން ފެށިފައިވަނީ ކަނޑައެޅިފައިވާ ވަގުތަށްވުރެއް ފަހުންކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
2ވަނަ ބުރުގެ ވޯޓުލުމަށް އަތޮޅުތަަކުގައި 12 ވޯޓިފޮށި ބަހައްޓާފައިވެއެވެ. މާލޭފައި ބަހައްޓާފައިވަނީ 10 ވޯޓު ފޮށްޓެވެ. މާލޭގައި ވޯޓުލުމަށް ކަނޑައަޅާފައިވާ މަރުކަޒަކީ އިސްކަންދަރު ސުކޫލެވެ. އިންތިޚާބުގެ 2ވަނަ ބުރުގައި ވޯޓުލުން ކުރިއަށް ދަނީ 24 ކެނޑިޑޭޓުންގެ މެދުގައެވެ.
ވޯޓުގައި މައްސަލަ ދިމާވެގެން އަލުން ވޯޓްލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ 2 ރަށެއްގައެވެ. އެއީ ތ.ގާދިއްފުށްޓާއި ލ.މާވަށެވެ. ވޯޓުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޚާބު އޮންނާނީ 4 ދާއިރާއެއްގައެވެ. މީގެއިތުރުން އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ނަތީޖާ އެއްވަރުވުމުން 6 ދައިރާގައި އަލުން އިންތިޚާބު ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރަައްޤީއަށް މަަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މިހާތަނަށް ކައުންސިލްތަކުގެ 975 މަޤާމަކަށް މީހުން އިންތިޚާބުވެފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 905 މެމްބަރަކު ވަނީ މިހާތަނަށް އިންތިޚާބުވެފައެވެ.
މިއީ މިހަތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންތިޚާބުކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިއިންތިޚާބުގައި ވޯޓުލާފައިވަނީ %68.19 މީހުންނެވެ.
އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިމަހުގެ މެދު ތެރޭގައި ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.