ޚަބަރު

މަތިވެރިން އިތުރު 25 މީހުން ކޯވިޑަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 100އިން މައްޗަށް


އަރިއަތޮޅު އުތުރުބުރީ މަތިވެރިން އިތުރު 25 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 100 އިން މައްޗަށް އަރައިފިއެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވާ މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވާގޮތުން ބަލި ދެނެގަތުމަށާއި، އަލާމާތްތައް ހުރެގެން ނެގި ސާމްޕަލްގެ ތެރެއިން މިހާތަނަށް 107 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.

މަތިވެރިން ކޯވިޑް-19އަށް ބަޔަކު ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންކަމަށާއި، ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެރަށު ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ.

މަތިވެރީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ރަށުގެ އެތައް ގެއެއްވަނީ ކަރަންޓީންކޮށްފައެވެ.

މަތިވެރި މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، އެ ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ އުޅުންވަނީ މަނާކޮށްފައެވެ.