ވިޔަފާރި

ކަނޑޫދޫ މިރުހުގެ އަގު އެއްވަރެއްގައި ހުރީ ލ.ގައިވެސް މިރުސް ހައްދައިގެން މާލެ ގެންނާތީ


ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް ބާޒާރުގައި އެންމެ ޑިމާންޑް ބޮޑު އެއް ބާވަތަކީ ކަނޑޫދޫ މިރުހެވެ. ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމުގެ ސަބަބުން ކަނޑޫދޫ މިރުހުގެ އަގު ރަމަޟާންމަހާއި ދިމާކޮށް އުފުލިގެންވެސް ދެއެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހުވެސް ކަނޑޫދޫ މިރުހުގެ ޑިމާންޑް އިތުރުވެގެންގޮސް ކިލޯއެއްގެ އަގު 1200 ރުފިޔާއަށްވެސް އަރައިގެން ދިޔައެވެ. ނަމަވެސް މިއަހަރުގެ ރަމަޟާންމަހު ކަނޑޫދޫ މިރުހުގެ އަގު އަދި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. މިހާރު 100 ގުރާމް މިރުސް 20 ރުފިޔާއަށްވެސް ލިބެން އެބަހުއްޓެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ކަނޑޫދޫ ކައުންސިލުން ވިދާޅުވީ، ކަނޑޫދޫ މިރުހުގެ އަގު މިއަހަރު ބޮޑު ނުވާނެކަމަށެވެ. އެއީ އެރަށުގައި މިރުހުގެ ދަނޑުވެރިކަން މިއަހަރު ރަނގަޅުވުމެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު މިރުހުގެ ދަނޑުވެރިކަން %90 ރަނގަޅުކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިޙް ވިދާޅުވީ ރޯދައަށް ޚާއްސަކޮށްގެން ކަނޑޫދޫގެ ބައެއް ދަނޑުވެރިން މިއަހަރު ލ. ގަމުގައިވެސް މިރުސް ދަނޑުތައް ހައްދާފައިވާކަމަށެވެ. މީގެ ސަބަބުންވެސް ކަނޑޫދޫ މިރުސް ބާޒާރަށް އަންނަ މިންވަރު އިތުރުވެފައިވާކަމަށެވެ. ލ. ގަމުގައި ދަނޑުވެރިކަން ކުރާ ނިސްބަތައް ބަލާނަމަ 3 ބައިކޮށްފަ 2 ބައި ދަނޑު ހިއްސާކުރަނީ ކަނޑޫދޫ ދަނޑުވެރިންކަމަށް އޭނާ ވިދާޅުވިއެވެ.

"ދަނޑެއްގައި އަބަދު ދަނޑުވެރިކަން ކުރަން ވެއްޖިއްޔާ އަންނާނެ ބަލިމަޑުކަންތަކާއި އެއްޗެތި. އެހެންވެގެން މިކޮޅުގައި ދަނޑުވެރިކަން ނުކުރެވިގެންދިޔަ އަހަރެއް މިދިޔަ އަހަރުވެސް އެއީ. މިއަހަރު އެގޮތަށް ބަލާފައި ގިނަ މީހުން ދިޔައީ. ދެން ބިމުގެ ގޮތުން ބަލާފަވެސް ލ. އަތޮޅަކީ ވަރަށް ބޮޑު އަތޮޅެއް. އެންމެ ކުޑަކޮށް ލ. ގަމުގައި ދަނޑު ހައްދައިގެން އުޅޭ މީހުންވެސް 400 ގަހުގެ ދަނޑުދަނޑު މިގެންގުޅެނީ." ނާސިހް ވިދާޅުވިއެވެ.

ރޯދަމަސް ފެށުމުގެ 6 މަސް ކުރިން މިއަހަރުވެސް ރޯދައަށް މިރުސް ހެއްދުމުގެ މަސައްކަތް ކަނޑޫދޫ ދަނޑުވެރިން ވަނީ ފަށާފައެވެ. ކަނޑޫދޫ ކައުންސިލުން ބުނީ މިދިޔަ އަހަރު ކަނޑޫދޫ މިރުހުގެ އަގު އުފުލުނީ ކަނޑޫދޫގެ ދަނޑުތަކުގައި ރަނގަޅަށް ދަނޑުވެރިންކަން ނުކުރެވި ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމުންކަމަށެވެ. ނަމަވެސް މިހާރު މާރުކޭޓްގައި ކަނޑޫދޫ މިރުހުގެ އަގު ދަށްވެފައިވަނީ ލ. އަތޮޅުން ކަނޑޫދޫ ދަނޑުވެރިން ގިނަ އަދަދަކަށް މިރުސް ހައްދައި މާލޭ ބާޒާރަށް ގެންނަން ފެށުމުންނެވެ. ލ. އަތޮޅުގެ އިތުރުން ކަނޑޫދޫގައިވެސް އެރަށުގެ ދަނޑުވެރިން މިއަހަރު އަންނަނީ މިރުސް ހައްދަމުންނެވެ.

ކަނޑޫދޫގައި މިރުހުގެ އިތުރުން އެހެނިހެން ގިނަ ބާވަތްތައްވެސް އަންނަނީ ހައްދަމުންނެވެ. އޭގެތެރޭގައި ކަރާ، ދޮންކެޔޮ، ބަރަބޯ ފަދަ ބާވަތްތައް ހިމެނެއެވެ. ކައުންސިލުން ވިދާޅުވީ، ކޯވިޑް19 އިގެ ސަބަބުން ކަނޑޫދޫއިން މިއަހަރު މާލެއަށް ތަކެތި ގެންދިއުމުގައި ދަތިތައް ހުރިކަމަށެވެ.