ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެންދެއެވެ. މިދިޔަ އަހަރުވެސް ބާޒާރުގައި ގިނަ ބާވަތްތަކެއްގެ އަގުތައް އަތްނުފޯރާ ފަށަށް މަތިވެގެންދިޔައެވެ. ޙާއްސަކޮށް ކަނޑޫދޫ މިރުހާއި މަހުގެ ބާވަތްތައް ހިމެނެއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާންމަހުގެ ހަފްތާއެއް ފާއިތުވެގެންދާއިރު ބާޒާރުގައި ތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައިކަން ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ އަހަރުގެ ރޯދަމަހު މައްޗަށް ދިޔަ ތަކެތީގެ އަގުތައްވެސް މަތިވި ގިނަ ބާވަތްތަކުގެ އަގުތައް ވަރަށްބޮޑަށްވެސް ދަށްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރަމަޟާންމަހު މާރުކޭޓްގައި އެންމެ ބޮޑަށް ޑިމާންޑް އޮންނަ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ގިތެޔޮމިރުހާއި ކަރައެވެ. މި 2 ބާވަތުގެ އަގުވެސް މިއަހަރުގެ ރަމަޟާންމަހު ވަނީ ވަރަށް ބޮޑަށްވެސް ހެޔޮވެފައެވެ. މީގެ ކުރީގެ ރަމަޟާން މަސްތަކުގައި ކަނޑޫދޫ މިރުސް ލިބުން ދަތިވެ، މިރުސް ކިލޯއެއްގެ އަގު 2000 ރުފިޔާ އަށްވުރެ މައްޗަށްވެސް ދިޔައެވެ. ނަމަވެސް މިހާރު މިރުސް ކިލޯއެއްގެ އަގު އުޅެނީ 270 ރުފިޔާގައެވެ. ކުރިން 100 ގްރާމް މިރުސް 100 ރުފިޔާއިން މަތީގައި އުޅޭއިރު މިއަހަރުގެ ރަމާޟާންމަހު 100 ގްރާމް މިރުހުގެ އަގު އުޅޭނީ 15 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު ހެޔޮވުމެކެވެ. ކަނޑޫދޫ މިރުސް ބާޒާރަށް މިހާރު އަންނަލެއް އިތުރުވުމުގެ ސަބަބުން ރަމަޟާންމަސް ނިމެންދެންވެސް މިރުހުގެ އަގު ހުންނާނީ އެއްވަރެއްގައި ހިފެހެއްޓިފައިކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ކަރާގެ އަގުތައްވެސް މި ރަމަޟާންމަހު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު އަންނަނީ ކަރާ ހައްދަމުންނެވެ. ތޮއްޑޫގެ އިތުރުން ކަނޑޫދޫއާއި، ށ. ނަރުދޫއާއި ލ. އަތޮޅުގެ ރަށްރަށުންވެސް މި ރޯދަމަހު ބާޒާރަށް ގިނަ އަދަދަކަށް ކަރާ ގެނެއެވެ. ބާޒާރުގައި ކަރާ ކިލޯއެއް މިހާރު ލިބެންހުރީ 18 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.
ބާޒާރުގައި އެހެނިހެން ބައެއް ތަކެތީގެ އަގުތައް ހުރިގޮތް:
ޕެޝަންޕްރުޓް: ކިލޯއެއް 85 ރުފިޔާއާއި 55 ރުފިޔާއަށް
ޓޮމާޓޯ: ކިލޯއެއް 40 ރުފިޔާއާއި 45 ރުފިޔާއަށް
ކެރެޓް: ކިލޯއެއް 25 ރުފިޔާއަށް
ލުނބޯ: ކިލޯއެއް 40 ރުފިޔާ
ދޮންކެޔޮ: ކިލޯއެއް 40 ރުފިޔާއާއި 50 ރުފިޔާއަށް
ބަށި: ކިލޯއެއް 70 ރުފިޔާ
ކޮޕީފަތް: 10 ރުފިޔާއަށް 3 ފަތް
މިންޓް ލީފް: 20 ރުފިޔާއަށް 100 ގްރާމް
ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
ލެޓިއުސް: ކިލޯއެއް 120 ރުފިޔާއަށް
ކުއްޅަފިލާފަތް: ބޮނޑިއެއް 10 ރުފިޔާއަށް
ބާޒާރުގައި ގިނަ ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވީނަމަވެސް ބައެއް ތަކެތީގެ އަގު ވަނީ އުފުލިފައެވެ. އޭގެތެރޭގައި ކުރުނބާ ހިމެނެއެވެ. ކުރުނބާގެ އަގު އުފުލިފައިވަނީ ކުރުނބާ ލިބުމުގައި ދަތިކަމެއް އުޅުމުގެ ސަބަބުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ބާޒާރުގައި ކުރުނބާގެ އަގު އުޅެނީ 35 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އަދި ކުރުނބާ ފުޅި ވަކިން ވިއްކަނީ 100 ރުފިޔާއަށެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު ދަނޑުވެރިކަން އަންނަނީ ކުރަމުންނެވެ. މީގެ ސަބަބުން ގިނަ ރަށްރަށުން ތަކެތި އައުމުގެ ސަބަބުން މި ރަމާޟާންމަހު ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް ބެލެވެއެވެ.