ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ކުވައިތަށް


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ކުވައިތަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ އަހްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް އަލް ޖާބިރު އަލް ސަބާޙް އާއި އެޤައުމުގެ އެހެން ބައެއް އިސްވެރިންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާއި ބެހޭ ގޮތުންނާއި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދާއި ޑިރެކްޓަރ މޫމިނާ އިބްރާހިމާއި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓަރ ޝާހިދު ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނު ގެންދަވަނީ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމުގެ ކެމްޕެއިންވެސް ކުރައްވަމުންނެވެ. އެގޮތުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އިންޑިއާގައި ތިއްބެވި 16 ގައުމެއްގެ މަންދޫބުންނާއި 7 ގައުމެއްގެ އެމްބެސެޑަރުންނާއި ބައްދަލުކުރައްވާފައެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ.