 
										
			އިންޑިއާ އެހީގެ ދަށުން ދެ ސްކޫލެއްގައި ޤާއިމްކުރި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ނުވަތަ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް އެހީތެރިވެދޭ ޔުނިޓު އިފްތިތާހުކޮށްފިއެވެ. 
އިންޑިއާއިން ދިން 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހދ.ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލާއި ފުވައްމުލަކު ޙާފިޟް އަޙްމަދު ސްކޫލުގައި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރުމުގެ މަޝްރޫއު ނިންމައި އެކަން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ވަރޗުއަލްކޮށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީއާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުއްޓާއި ފުވައްމުލަކަށް ނިސްބަތްވާ މެމްބަރުންނާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ. 
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ދަރިވަރުންގެ ލޯބިކުރާ އަދި އަހުލުވެރި ތަަންތަނުގެ ގޮތުގައި ސްކޫލުތައް ފަރުމާކޮށް ބިނާކުރުމަކީ މުހިންމުކަމެއްކަމަށެވެ. އެއީ ދަރިވަރުން ތަރުބިއްޔަތުކޮށް ބިނާކުރުމުގައި މިހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
މި މަޝްރޫގެ ދަށުން "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް"ތައް ޤާޢިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވެއެވެ. މި ޔުނިޓުތައް ފަރުމާކުރެވިފައި ހުންނާނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ ގޮތަށެވެ. 
މި މަޝްރޫއު ހިންގީ މާޗް 2019 ގައި ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގައެވެ.