ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިއަދު މާލެގެނެސް ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ ފުލުހުން ތަޙްޤީޤުކުރަމުންދާ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުޤިޤަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވިފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލައިގެ ތަހުގީގަށް ކަމަށެވެ. ރައީސް ޔާމީންއާއި ސުވާލު ކުރުމަށްފަހު މިހާރު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ.
5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދެ ދަޢުވާއެއް މިހާރުވެސް އަންނަނީ ކޯޓުގައި ހިނގަމުންނެވެ.
މި ދަޢުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައިއެވެ.
މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ. ޔާމީންގެ އިތުރުން މި މައްސަލައިގައި މއ.ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި މައްސަލާގައެވެ.