ކޮންމެ އަހަރެއްގެ ރަމަޟާންމަސް އައުމުގެ މާކުރިން ތޮއްޑޫން ދަނޑު ހެއްދުމުގެ މަސައްކަތް ފަށައެވެ. ޚާއްސަކޮށް ކަރާ ހެއްދުމުގެ މަސައްކަތް ކުރެއެވެ. ދަނޑުހެއްދުމަކީ އާމްދަނީ ހޯދުމަށް ތޮއްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތެކެވެ. ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ތޮއްޑޫގެ ދަނޑުވެރިކަން ދަނީ ވަރަށް ދަށްކޮށްކަމަށެވެ. ދަނޑުތައް ހައްދަން ފެށިއިރު ދަނޑުތަކުގައި ބަލިތައް ގިނަވެގެން ދިއުމާއި ގުޅިގެން މިދިޔަ އަހަރާއި އާޅަބަލާއިރު ދަނޑުތަކުން ލިބޭ ތަކެތީގެ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. ރޯދަމަސް ފެށުނުއިރުވެސް ތޮއްޑޫ ކަރާ މާލޭގެ ބާޒާރުން ލިބެން ހުންނާނެކަމަށާއި، ނަމަވެސް ލިބެން ހުރިވަރު ދަށްކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ، ކަރާ ދަނޑުތަކުން ލިބުނު ކަރަލުގެ އަދަދު މިއަހަރު ދަށްވި ނަމަވެސް ކަރާ ވިއްކަމުންދަނީ ރަނގަޅު ރޭޓެއްގައި ކަމަށެވެ. އެގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ތޮއްޑޫއިން މާލެއަށް ކަރާ ވިއްކާފައިވަނީ 18 ރުފިޔާއަށެވެ. އޭގެފަހުން 17 ރުފިޔާއަށް އަދި 16 ރުފިޔާއަށްވެސް ކަރާ ވިއްކާފައިވާކަމަށް ނިއުޝާ ވިދާޅުވިއެވެ.
"ކަރާ ދަނޑުތަކުގައި ކުރިތައް ދުވިލެއް މިއަހަރު އެހެން އަހަރުތަކަށްވުރެ ލަސް. ފުރަތަމަ ރޯދަ ފެށެންވާއިރަށް މިދިޔަ އަހަރު ހުރިހައި ދަނޑަކުން ހުރީ ދޮންވެފަ ކަރާ. އެކަމަކު މިއަހަރު ފުރަތަމަ ރޯދައަށް ވީއިރު ހުރިހައި ދަނޑަކުން ދޮނެއްނުވޭ. މިހާރުދެން އެ ބިންނަން ފެށީ ކަރާ. އެހެންވީމަ ބޮޑަށް މިބެލެވެނީ 20 ގެ ފަހަށްވެސް ކަރާ ލިބޭނެކަމަށް." ނިއުޝާ ވިދާޅުވިއެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ތޮއްޑޫ ދަނޑުވެރިން ހައްދާ ތަކެތި މާލެ ގެނެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށަށްވެސް ތޮއްޑޫ ދަނޑުވެރިން ހައްދާ ތަކެތި ގެންދެއެވެ. މީގެއިތުރުން 6 ރިސޯޓަކަށްވެސް ތޮއްޑޫއިން ތަކެތި ސަޕްލައިކުރާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މިއަހަރުގެ ރަމާޟާންމަހާއި ދިމާކޮށް ތޮއްޑޫގެ 119 ދަނޑުގައި ވަނީ ކަރާ ހައްދާފައެވެ. މިއީ ހަމައެކަނި ކަރައަށް ޙާއްސަކޮށްގެން ހެއްދި ދަނޑުތަކެވެ. ދަނޑުވެރިކަން ކުރުމަކީ ވަރަށް ބުރަ މަސައްކަތެއްކަމަށް ތޮއްޑޫ ކައުންސިލުން ފާހަގަކުރެއެވެ. ނަމަވެސް އަދިވެސް ދަނޑުވެރިންނަށް ހަމަ އަގު ނުލިބޭކަން ތޮއްޑޫ ކައުންސިލުން ފާހަގަކުރެއެވެ.