ވިޔަފާރި

މިދިޔަމަހު އިމްޕޯޓްކުރި މުދާ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެއްޖެ


މާރޗް މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީވެސް އިތުރުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ %13 އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާރޗްމަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މާރޗްމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 13 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި މާރިޗްމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މާރިޗް މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ މާރިޗް މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗްމަހު މި ޢަދަދުވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓް އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ އިތުރުވިނަމަވެސް މިއަހަރުގެ މާރޗް މަހު އެކްސްޕޯޓް ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މާރޗް މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 380 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ މާރޗް މަހު އެކްސްޕޯޓްކޮށްފައިވަނީ 301 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ %21 ދަށްވުމެކެވެ.

ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ސިންގަޕޫރެވެ. އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަވާއިރު އިންޑިއާ އިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މާރޗްމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗެވެ. އެއީ 808 މިލިއަން ރުފިޔާގެ މުދަލެވެ. 2 ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކަރަންޓު ސާމާނާއި އެކި ބާވަތްތަކުގެ މެޝިނަރީއެވެ. އެއީ 639 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޖަޕާން، އިންޑިއާ، އެމެރިކާ އަދި ޖަރުމަނުވިލާތެވެ.