ކޯވިޑް-19އަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި އެއް ބަލިމަޑުކަމެވެ. ކުޑަކުޑަ ވައިރަހެއްގެ ކުރިމަތީ މުޅި ދުނިޔެ ކުޑަކަކޫ ޖަހަން މަޖުބޫރުކުރިވި ބޮޑު ބަލިމަޑުކަމެކެވެ. މިބަލި އެންމެ ފުރަތަމަ ޗައިނާގެ ވޫހާން ސިޓީއިން ފެނުމާއެކު ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ. އެހެންނަމަވެސް ލޮލަށް ނުފެންނަ މި ކުޑަކުޑަ ވައިރަހުން ރައްކާތެރިވުމަށް ކުރެވުނު މާބޮޑުކަމެއް ނެތި މަދުދުވަސްކޮޅެއްގެ ތެރޭގައި މިބަލި ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެންދިޔައެވެ.
މިބަލިން ރައްކާތެރިވުމަށް ރާއްޖެއިންވެސްވަނީ ދުރާލައި މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2019ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢާއްމުވި މިބަލި ރާއްޖެއަށް އައުމަށް ގާތްގަނޑަކަށް ތިންމަސްދުވަސް ވިއެވެ. މިމުއްދަތުގައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ފުރުސަތު ލިބުނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅީ ބަލި ރާއްޖެއަށް އަންނާނެކަން އެނގިތިބެއެވެ. ކޯވިޑްގެ ނުރައްކާތެރި ބަލިމަޑުކަމުގެ ފުރަތަމަ ރާޅު ރާއްޖެއަށް ބިންދާލައި، ބަލީގެ ފުރަތަމަ ކޭސް ފެނުނީ މީގެ 1 އަހަރު ކުރިންނެވެ. އެއީ 2020ވަނަ އަހަރުގެ މާޗް މަހުގެ 7ވަނަ ދުވަހެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައި ދެ ފަތުރުވެރިއެކެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީވެސް އެމީހުން ޗުއްޓީ ނިންމައި ރާއްޖެ ދޫކޮށް ދިޔަފަހުން ނެގި ސާމްޕަލްތަކުންނެވެ. އެއާއެކު އެމީހުން ޗުއްޓީ ހޭދަކުރިި ރިސޯޓުގެ ޑޮކްޓަރާއި އެނޫންވެސް ބައެއް މީހުން ޕޮޒިޓިވްވިއެވެ.
ރާއްޖޭގައި 2020ވަނަ އަހަރުގެ އޭޕްރީލް 15ވަނަ ދުވަހާ ހަމައަށް ބަލި އޮތީ ރިސޯޓްތަކުގައެވެ. އެހާތަަނށް އެއްވެސް ދިވެއްސަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް އެ ޙާލަތު ނުރައްކާވެގެން ދިޔައީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން މީހަކު ޕޮޒިޓިވްވުމުންނެވެ. އެހިސާބުން ސަރުކާރުން ނިންމެވީ ރާއްޖޭގައި މުޖުތަމަޢުގައި ބަލި ފެތުރެން ފެށިކަމެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވީ އަންހެނަކާއި އޭނާގެ 2 އަހަރުގެ ދަރިފުޅެވެ. މިއާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް މާލެ ސަރަހައްދު ފުރަބަންދަށް ދިޔައެވެ.
އެދުވަހު ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާޠަބު ކުރައްވާ ވިދާޅުވެފައިވަނީ ބަލީގެ ޙަލަތުން އަރައިގަތުމަށް ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ސިއްޙީ މާހިރުންގެ ލަފާގެ މަތިންކަމަށެވެ. މާލެ ސަރަހައްދުން ބަލި ފެތުރިގެން ދިޔައިރު އޭރު ސިއްޙީ ދާއިރާއިންވަނީ ބަލި ރާއްޖެއަށް އައުމާއެކު ކަންތައް ކުރާނެގޮތުގެ އުސޫލުތައް ކަނޑައަޅާފައެވެ. އެކި ޙާލަތްތަކުގައި ޢަމަލުކުރާނެ ގައިޑްލައިންތައް ހަދާފައެވެ. މިބަލިމަޑުކަމާ ދެކޮޅަށް ސީދާ ހަނގުރާމަކުރާނެގޮތް އެނގުނުކަމުގައިވީނަމަވެސް ބަލިން ދިފާޢުވުމަށް ސީދާ މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހުރީ މުޅިން ތައްޔާރީ ޙާލަތުގައެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އެކަމަށް ބޭނުންވާ ވަގުތު ހޯދުމަށް ދިވެހި ޑޮކްޓަރުންގެ ޓީމުގެ ސީދާ އިރުޝާދުގެ ދަށުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ވައިރަސް ރާއްޖެ ވަނުން ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްވަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އިޤްތިޞާދީގޮތުން މިޖީލު ދުށް އެންމެ ދަތި ދުވަސްތަކެވެ. ވަޒީފާތައް ގެއްލި ރާއްޖެއަށް ޑޮލަރު ވަންނަ ހުރިހާ ދޮރާޓެއް ބަންދުވިއެވެ. އެތައް ދުވަހެއް ވަންދެން ބިނާކުރި ދިރިއުޅުންތައް ހުއްޓުމަކަށް އައިސް ބައެއް މީހުން ދިރިއުޅުން އަލުން ފަށަންވެސް ޖެހެއެވެ. އެހެންނަމަވެސް އެދުވަސްތައް ވެގެންދިޔައީ ކޯވިޑްގެ ބަލިމަޑުކަމާއި ދެކޮޅަށް ދިވެހި ސިއްޙީ ނިޒާމު ތެދުވަން ލިބުނު ހަނިނަމަވެސް މުހިންމު ފުރުސަތަކަށެވެ.
އެދުވަސްތަކުގައި ރާއްޖެއަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި ބަލި މީހުން އެޑްމިޓްކުރާނެ މަރުކަޒުތަކާއި ޓެސްޓުކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމާއި، މިފަދަ ނުރައްކާތެރި ބައްޔަކާ ދެކޮޅަށް ކުރީސަފުގައި މަސައްކަތްކުރައްވާނެ ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިޖެހޭ މީހުންގެ ޚިދުމަތުގައި ތިބެންޖެހޭ ހުރިހާ ފަރާތެއް ތަމްރީނުކޮށް ރާއްޖެވަނީ ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ.
ފުރަތަމަ 2 ރާޅާއެކު މިޙާލަތު ކޮންޓޯލްކުރުމުގައި ކުރިއެރުންތަކެއް ލިބުނެވެ. އެއާއެކު ލުއިތަކެއް ރާއްޖޭގައި ދޭން ފެށިއެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު ހުއްޓިފައި އޮތުމަށްފަހު ޖުލައި މަހުގެ 15ވަނަ ދުވަހު ބޯޑަރުތައް އަލުން ހުޅުވާލާ އިޤްތިޞާދީ ޙަރަކަތްތައް ފަށައިގަތެވެ. މިއީ ދުނިޔޭގައި ބަލީގެ ޙަލަތު އެންމެ ގޯސް ދުވަސްވަރަށް ވީނަމަވެސް ރާއްޖެއިން ބަލީގެ ޙާލަތު ރަނގަޅުކޮށް ބޯޑަރު ހުޅުވާލިއިރު، ރާއްޖެއަކީ ފަތުރުވެރިކަމަށް ހުޅުވާލި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ކޯވީޑްގެ ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެންވެސް ރާއްޖެއިން އަޅަމުން އައިސްފައިވަނީ ހާލަތާ ގުޅޭ ހަރުދަނާ ފިޔަވަޅުތަކެކެވެ. އެއާއެކު އިޤްތީޞާދީ ޙަލަތު ރަނގަޅުވާން ފަށައި ދިރިއުޅުން އާއްމު ޙާލަތަށް ރުޖޫޢަވާން ވަނީ ފަށާފައެވެ.
ރާއްޖެއިން ދެވަނަ ރާޅާވެސް ކުރިމަތިލާ ބަލި ޖެހޭ މީހުންގެ ޢަދަދު ދަށްކުރީ އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދިނުމާއެކުއެވެ. ދެވަނަ ރާޅުވެސް ރާއްޖެއިން ކޮންޓްރޯލްކުރި ކާމިޔާބުކަމާއެކުއެވެ. ނަމަވެސް ދެވަނަ ރާޅުގައި ބަލި ޖެހޭ މީހުންގެ ޢަދަދު މަދުވެގެން ދިއުމަށްފަހު މިއަހަރު ފެށުނުތަނާ އައު އަހަރާއެކު ރާއްޖެއިން ތިންވަނަ ރާޅާވެސް ކުރިމަތިލާންޖެހިފައެވެ.
މިމަހުގެ ކުރީކޮޅާ ހަމައަށް ބަލީގައި އެންމެ ނުރައްކާ ޙާލަތެއްގައި އޮތީ މާލެ ސަރަހައްދެވެ. ބައެއް ދުވަސްދުވަހު ބަލި ޖެހޭ މީހުންގެ ޢަދަދު 200އިން ނުވަތަ 300އިން މައްޗަށްވެސް އަރާފައިވެއެވެ. ނަމަވެސް ރާއްޖެއިން ތިންވަނަ ރާޅުގައިވެސް ކޭސްތައް މިހާރު ވަނީ ދަށްވާން ފަށާފައެވެ. ނަތީޖާއަކީ ރާއްޖެއިން ކޯވީޑް ކޮންޓްރޯލް ކުރުމަށް ގެންގުޅު ހަރުދަނާ ސިޔާސަތުތަކެވެ. ދުނިޔޭގައި ބަލީގެ ޙާލަތު ގޯހުން ގޯހަށް ދިޔައިރުވެސް އަހަރެއްގެ ތެރޭގައި ދުނިޔެއިން އީޖާދުކުރި ކޯވިޑް ދިފާޢު ވެކްސިން އެންމެ ފުރަތަމަ ރައްޔިތުންނަށް ފޯރުކޮށްދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިޔައެވެ.
ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ޤައުމުތަކުންނާއި ސިއްޙީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވެސް ޤަބޫލުކުރިގޮތުގައި ކޯވިޑް ބަލި އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރާއްޖޭގެ ބަލީގެ ޙަލަތު ތިން ރާޅައެކު ގޮސްވެގެންގޮސް މިހާރު ޙަލަތު އަލުން ރަނގަޅުވާން ފަށާފައިވާއިރު، ރާއްޖެއިން ލޮކްޑައުންއަކަށް ނުވަތަ ފުރަބަންދަކަށް ގޮސްފައިވަނީ އެންމެ ފަހަރަކުއެވެ.
ނަމަވެސް ދުނިޔޭގެ ސިއްޙީ ޚިދުމަތުގެ ރޮނގުންނާއި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރި އަރާފައިވާ ޤަޢުމުތަކުގައި ރާއްޖެއަށް ވުރެ ކުރިން ފުރަބަންދުކޮށް އަދިވެސް ވަނީ އެހާލަތުން އަރައި ނުގަނެވިފައެވެ.
އެގޮތުން އަވށްތެރި އިންޑިއާއިންވެސް ފުރަތަމަ ފުރަބަންދުގެ ފިޔަވަޅާއެކު އަދިވެސް ފުރަބަންދު އުވާލެވޭ ހާލަތަށް ގޮސްފައެއް ނުވެއެވެ. ރާއްޖެއަށްވުރެ ކުރިން އިންޑިއާ ފުރަބަންދުކުރި ނަމަވެސް އަދިވެސް އެކި ސަރަޙައްދުތަކުގައި ކަރފިއު އަންނަނީ ހިންގަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭވެސް ދެލައްކަ، އާ ކޯވިޑް ކޭސް އެ ޤައުމުން ފެނިފައިވެއެވެ.
އިންޑިއާގެ އިތުރުން އަވަށްޓެރި ސްރީ ލަންކާވެސް އެކިފަހަރު މަތިން ލޮކްޑައުންކޮށް ލުއިދީ ހެދިނަމަވެސް އެކްޓިވް ކޭސްތައް މިހާރުވެސް ހުރީ ތިން ހާހުން މަތީގައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ސަތޭކަ ސަތާރަ އާ ކޭސް ފެނިފައިވެއެވެ.
ޔޫރަޕްގެ ޤައުމުތަކަށް ބާލާއިރުވެސް ފަރެންސޭސިވިލާތުން ތިންވަނަ ފަހަރަށް އެޤައުމު އެއްކޮށް ލޮކްޑައުންކޮށް ކަރފިއު މިހާރު ވަނީ އިޢުލާނުކޮށްފައެވެ. އެ ޤައުމު ލޮކްޑައުނަކަށް ދާން ޖެހުނީ ކޯވިޑް ޖެހިގެން ބަލިވާ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރުމުންނެވެ. އައިސީޔޫގައި އެކަނިވެސް 5000 އަށްވުރެ ގިނަ މީހުނަށް ފަރުވާދޭން ވަނީ ޖެހިފައެވެ.
ހަމައެގޮތަށް ޖަރުމަންވިލާތުގައިވެސް އޭޕްރިލް މަސް ފެށުނުއިރު ކުއްލި ގޮތަކަށް ކުރި ލޮކްޑައުން ފަހުން އަނބުރާ ގެންގޮސް އެއަށްވުރެ ހަރުދަނާކޮށް އެޅޭނެ ފިޔަވަޅުތައް ދަނީ ބަލަމުންނެވެ. އަދި ޔޫރަޕްގެ އެހެން ޤައުމުތަކުގައިވެސް ލޮކްޑައުންގެ ފިޔަވަޅުތައް އުވާލެވޭގޮތް ނުވެފައިވަނީ 4ވަނަ ރާޅާވެސް ބައެއް ޤައުމުތަކުން ކުރިމަތިލާން ޖެހުމުންނެވެ.
ކޯވިޑް-19ގެ ބިރުވެރިކަމުގައި ރާއްޖެ އޮންނަތާ އެއް އަހަރު ފާއިތުވެ ރާއްޖެ ލޮކްޑައުން ކުރިތާވެސް އެއް އަހަރު ފާއިތުވެގެން ދިޔައިރު މިވަނީ ރާއްޖޭގެ ޙާލަތު ޢާންމު ޙަލަތާއި ދިމާލަށް މިސްރާބު ޖަހާފައެވެ. އަދި ބައްޔާ ދެކޮޅަށް މަސައްކަތްކުރާނެ ދިފާޢެއްގެ ގޮތުގައި ވެކްސިން ބޭނުންކުރަންވަނީ ފަށާފައިވާއިރު ދެވަނަ ޑޯޒް ވެކްސިންވެސް ވަނީ ދޭން ފަށާފައެވެ.
އެހެންކަމުން އިތުރަށް ރާއްޖޭގެ ޙަލަތު ގޯސްވިޔަ ނުދީ އިތުރު ފުރަބަންދަކަށް ނުދިޔުމުގެ ބާރު އޮތީ ޢާންމު ފަރުދުންގެ އަތްމަތީގައެވެ. އަދިވެސް ރާއްޖޭގެ ޙާލަތު އިހުގެ އެންމެ އާންމު ޙަލަތަށް ދިއުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރައްންޖެހެއެވެ. އެކަކު އަނެކަކަށްޓަކައި އޯގާތެރިކަމާއެކު ވިސްނާލަމާތޯއެވެ. ޙާލަތު ބަދަލުކުރުމަށްޓަކާ ސިއްޙީ ޚިދުމަތްތެރިންގެ ބަސް ޤަބޫލުކުރަމާތޯއެވެ.