ވިޔަފާރި

އެގްރޯނެޓްގެ "ސްޓާޓްއަޕް ޕެކޭޖް"އަށް 70 ދަނޑުވެރިން ވަނީ އެދިފައި


އެގްރޯނެޓުން ދަނޑުވެރިންނަށް ފޯރުކޮށްދޭ "ސްޓާޓްއަޕް ޕެކޭޖް" ނެގުމަށް މިހާތަނަށް 70 އަށްވުރެ ގިނަ ދަނޑުވެރިން އެދިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މި ޕެކޭޖް ތައާރަފްކޮށްފައިވަނީ ކޮންޓްރެކްޓް ފާމިން މަޝްރޫއުއާއެކުއެވެ.

އެގްރޯނެޓްއިން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓްއަޕް ޕެކޭޖް" ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، އެގްރޯނެޓުން ދަނޑުވެރިންނަށް ފޯރުކޮށްދޭ ސްޓާޓްއަޕް ޕެކޭޖް ނެގުމަށްޓަކައި މިހާތަނަށް 70 އަށްވުރެ ގިނަ ދަނޑުވެރިން އެދިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ މިތަކެތި ދަނޑުވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކަމަށް ހާރޫން ވިދާޅުވިއެވެ.

"މިހާރުވެސް ދަނޑުވެރިންނާއި އެކީގައި ވަރަށް ގާތުން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ދަނޑުވެރިންގެ މަސައްކަތް މޮނިޓަރ ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޓީމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް މަސައްކަތް ކުރަމުން އެބަދޭ. މީގެތެރެއިން ދަނޑުވެރިންނަށް ދަނޑު ހެއްދުމަށްޓަކައި ބޭނުންވާ ހުރިހައި ވަސީލަތްތައްވެސް އަޅުގަނޑުމެން ފޯރުކޮށްދިނުމުގެ މަސައްކަތް އެބަކުރަން. 500 އެއްހައި ދަނޑުވެރިން މިހާރު މަސައްކަތްކުރަމުންދާއިރު 70 އަށްވުރެ ގިނަ ދަނޑުވެރިން ސްޓާޓްއަޕް ޕެކް ހޯދުމަށްޓަކައި ރިކުއެސްޓްކޮށްފައި އެބަހުރި. މިތަކެތި މިހާރު އަޅުގަނޑުމެން މިދަނީ އެފަރާތްތަކައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން." ހާރޫން ރަޝީދު ވިދާޅުވިއެވެ.

މި ޕެކޭޖްގެ ދަށުން އެ ކުންފުނިން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން ބޭނުންވާ އާލާތައް އިންސްޓޯލްމަންޓް އުސޫލުން ދޫކުރެއެވެ. އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.

މި ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ދޫކުރަނީ ދަނޑުވެރިކަން ކުރަން ބޭނުންވާ އާލާތްތަކެވެ. އެގްރޯނެޓުން ވިދާޅުވީ، އާލާތްތައް ދޫކުރާނީވެސް މާކެޓުގައި އެތަކެތި ގަންނަން ލިބޭ އަގުގެ %20 ދަށްކޮށްކަމަށެވެ.