ޚަބަރު

ތެޔޮއުފުލާ އުޅަނދުފަހަރު ވިލިގިނލީ ބަނދަރަށް


މާލޭގެ
ބަނދަރުތަކުގައި އަޅާފައިވާ ތެޔޮ އުފުލާ ބޮޑެތި އުޅަނދުފަހަރު މިމަހު ފަނަރައިން ފެށިގެން ވިލިނގިލީ ބަނދަރުގައި
އަޅާ ގޮތަށް ހައުސިންގ މިނިސްޓްރީން ނިންމަވައިފިއެވެ.



ހައުސިންގ
މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް
މައުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބުދުﷲ ޝަރީފް
ވިދާޅުވީ ، މިއީ މާލޭގެ އުތުރު ފަރާތު ބަނދަރަށް ލުއި ހޯދައި ދިނުމަށްޓަކައި
އަޅުއްވާ ފިޔަވަޅެއްކަމަށެވެ.



ތެޔޮ އުފުލާ
އުޅަނދު ފަހަރު ވިލިގިލީ ބަނދަރުގައި ، ބަނދަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސި
ނަމަވެސް ދުވަހުން ދުވަހަށް ތެޔޮ ބޭނުންވާ ތަންތަނަށް ބޭނުންވާ ތެޔޮ ލޯޑް ކުރުމަށްޓަކައި
ކޮންމެ ދުވަހަކުވެސް މާލޭގެ ބަނދަރަށް ތެޔޮ އުފުލާ އުޅަނދުފަހަރު ގާތްކުރާނެކަމަށް
ޝަރީފް ވިދާޅުވިއެވެ. އެގޮތުން ވަކި ޚާއްޞަ ހުއްދައެއްގެ ދަށުން ތެޔޮބޭނުންވާ
ތަންތަނާއި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންގެ ތެޔޮ ބައުޒަރު ތަކަށްވެސް ތެޔޮ
ލޯޑް ކުރުމުގެ އިންތިޒާމްވެސް ކޮންމެ ދުވަހަކު ވެސް މާލޭގައި ހަމަޖެހިގެން
ދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



މި ގެނެވުނު
ބަދަލަކީ މާލޭގެ އުތުރު ސަރަހައްދު ބަނދަރަށް ދިމާވެފައިވާ ބާރު ބޮޑުކަން
ހައްލުކޮށް ލުއިކުރެއްވުމުގެ ގޮތުން ގެނައި ބަދަލެކެވެ. އަދި ޚާއްޞަކޮށް މާލޭގެ
މަސްމާރުކޭޓް ސަރަޙައްދަށް ބަނދަރުކުރާ މަސްދޯނިފަހަރަށް ޖާގަ ހޯދައި ދިނުމުގެ
ގޮތުން ގެނައި ބަދަލެކެވެ. މާލޭގެ އުތުރުގައި އަޅާފައިވާ އުޅަނދުތައް މިހާރު ވަނީ ޓީ ޖެޓީ ސަރަޙައްދުގައި ބަނދަރުކުރެވެގޮތަށް ހަމަޖައްސާފައެވެ.