ޚަބަރު

ޕީއެސްއެމްގެ ނޫސްވެރިޔާ ސާޢިދަށް، ފުޓުބޯޅަ އާއިލާގެ ބޮޑު އެހީއެއް


ޕީއެސްއެމް ނިއުސްގެ ޒުވާން ނޫސްވެރިޔާ ސާޢިދު އަޙްމަދުގެ ކިޑްނީ ޓްރާސް ޕްލާންޓަށް ރާއްޖޭގެ ފުޓުބޯޅަ ޢާއިލާއިގެ ފަރާތުން ތިން ލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

މިއަދު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އޮތް ދިރާގު ދިވެހި ޕްރިމިއަރ ލީގު މެޗު ފެށުމު ކުރިން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފުޓުބޯޅަ ޢާއިލާގެ ފަރާތުން ސާޢިދަށް ދިން 300،000 ރުފިޔާގެ ފައިސާގެ އެހީގެ ރަމްޒީ ޗެކް އޭނާއާ ހަވާލުކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް ޢަދީލް ޖަލީލާއި، ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ނުވަތަ ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ.

އެފްއޭއެމްއިން ބުނެފައިވަނީ ޒުވާން ނޫސްވެރިޔާ ސާއިދު އަހުމަދަކީ ފުޓްބޯޅަ ޢާއިލާގެ މުހިންމު މެމްބަރެއްކަމަށާ، އޭނާއަކީ ޒިންމާދާރު ބައްޕައެއްގެ އިތުރުން އިހްލާސްތެރި ކަމާއިއެކު ޤައުމަށް ޚިދުމަތް ދެމުންދާ ހިތްވަރުގަދަ މީހެއްކަމަށެވެ.

ސާއިދުގެ ބަލިޙާލަތާއެކު މިއަދު އޭނާއަށް އެންމެ ބޭނުންވަނީ ކިޑްނީ އެއްކަމަށާ، ކިޑްނީ ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ބައިވެރިވުމަކީ ރާއްޖޭގެ ފުޓްބޯޅަ ޢާއިލާއަށް ލިބިގެންދާ ބޮޑު އުފުލެއްކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ. އަދި ފުޓްބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އަމާޒުކަމަށްވެސް އެފްއޭ އިން ބުނެފައިވެއެވެ.

2009ވަނަ އަހަރު ސަންއެފްއެމްއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދަކީ މިހާރުވެސް މެދުކެނޑުމެއްނެތި މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ ހީވާގި ކުޅިވަރު ނޫސްވެރިއެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެ އެހީއަކަށް އެދީ އާދޭސްކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނާ ދެ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަމުން އަންނަތާ ގާތްގަނޑަކަށް 2 އަހަރާއި 7 މަސްދުވަސްވީއެވެ.