ވިޔަފާރި

މި ސަރުކާރުން ދަނޑުވެރިންނަށްވެސް ގެނެސްދިނީ އުއްމީދު


ރާއްޖޭގެ އިޤްތިޞާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އިޤްތިޞާދުގައި އެހެން ސިނާއަތްތައް ހިއްސާކުރާ މިންވަރު އިތުރުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަކީ ގިނަ ޒަމާންތަކެއް ވަންދެން އެންމެ އެކަށީގެންވާ ގޮތެއްގައި އަޅާނުލެވި އޮތް ދާއިރާއެކެވެ. ކޯވިޑް19 ގެ ހާލަތާއި ގުޅިގެން ދަނޑުވެރިންގެ ތަކެތި ވިއްކޭނެ ގޮތެއްނެތި މާޔޫސްކަން ވެރިވިއެވެ. ކޯވިޑް19 ގެ އެންމެ ދަތި ހާލުގައިވެސް ސަރުކާރުން ވަނީ ދަނޑުވެރިންނަށް އުންމީދު އާކޮށްދީފައެވެ.

އިޤްތިޞާދު މުޅިންހެން އިނދަޖެހިފައިވާ ދަނޑިވަޅެއްގައި ދަނޑުވެރިކަމަށް ޚާއްސަކޮށްގެން މުޅިން އަލަށް ކުންފުންޏެއް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ނެންގެވި އުނދަގޫ އެހެނަސް މުހިންމު ފިޔަވަޅެކެވެ. ދަނޑުވެރިކަމަށް ޙާއްސަކޮށްގެން މި ސަރުކާރުން އުފެއްދެވި ކުންފުނި "އެގްރޯ ނޭޝަނަލް ކޯޕަރޭޝަން" އެގްރޯނެޓްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ސަރުކާރުގެ ޚާއްސަ އިސްނެންގެވުމާއިއެކު މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމެވެ. ޚާއްސަކޮށް ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހަމައަގު ހޯދައިދީ މާކެޓްކުރުމަށް އެހީތެރިވެދިނުމެވެ. މީގެއިތުރުން ދަނޑުވެރިކަމުގައި ބޭނުންވާ އާލާތްތައް ހެޔޮއަގެއްގައި ދަނޑުވެރިންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމެވެ.

ކޯވިޑް19 ގެ އެންމެ އުނދަގޫ ދަނޑިވަޅުގައި މި ކުންފުންޏަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް މިހާރު މި ކުންފުނީގެ މަސައްކަތްތައް ދަނީ ބާރު ސްޕީޑްގައި ކުރިއަށެވެ. ވަކިން ޚާއްސަކޮށް ކުރިއަށްއޮތީ ރަމަޟާންމަސް ކަމަށްވުމާއިއެކު ރަމަޟާންމަހު ދިވެހި އުފެއްދުންތައް ބާޒާރަށް ނެރުމުގެ މަސައްކަތް އެ ކުންފުނިން ދަނޑުވެރިންނާއިއެކު ދަނީ ކުރަމުންނެވެ.

އެގްރޯނެޓް ވުޖޫދުވުމާއިއެކު އެ ކުންފުނިން ވަނީ "ކޮންޓްރެކްޓް ފާމިންގ" ގެ ނަމުގައި ދަނޑުވެރިންނާއިއެކު އެއްބަސްވުންތައް ހަދައި ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށާފައެވެ. ކޮންޓްރެކްޓް ފާމިންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭ 5 ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. ހައްދާތަކެތި ދަނޑުވެރިންގެ މެދުގައި ބަހާލައި ކޮންމެ ދަނޑުވެރިއަކަށްވެސް މަދުވެގެން 2 ބާވަތް ހެއްދުމަށް ދޭނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯ ނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު އެގްރޯނެޓްއަށް 1 އަހަރު ފުރޭއިރު މި ކުންފުނި މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޤަބޫލުކުރާކަމަށެވެ. ޙާއްސަކޮށް ކުންފުނި މެދުވެރިކޮށް ދަނޑުވެރިންނަށް ވަރަށް ބޮޑު އުންމީދެއް ދެވިފައިވާކަމަށެވެ. 1 އަހަރު ތެރޭގައި 1500 އަށްވުރެ ގިނަ ދަނޑުވެރިން އެ ކުންފުންޏާއިއެކު ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ހާރޫން ފާހަގަކުރެއްވިއެވެ.

"1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރަންޖެހުނީ ވަރަށް ދަތި ހާލުގައި. އެހެންނަމަވެސް ކުރި މަސައްކަތުން އެގްރޯނެޓްގެ މަސައްކަތް ވަރަށް ގިނަ ބަޔަކަށް ތައާރަފްވެ ސަރުކާރުގެ ވައުދު ފުއްދުމަށް މަސައްކަތްކުރާ އުސޫލު ހަޤީޤަތުގައި ވަރަށް ގިނަ މީހުންނަށް އެނގިގެން ހިނގައްޖެ. ޙާއްސަކޮށް ދަނޑުވެރިންގެ މަސައްކަތައް އެހީތެރިވުމަށް މި ކުންފުނިން އުފެދިގެން ދަނޑުވެރިންނާއިއެކުގައި މި މަސައްކަތް ކުރުމަށް ބަޔަކު ތިބިކަން ދަނޑުވެރިންނަށް އެނގިގެން ހިނގައްޖެ. ދެން އަނެއްކަމަކީ ކުރިން ދަނޑުވެރިންނާއި މެދު އެއްވެސް އަޅާލުމެއް ނެތްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެހެންނަމަވެސް މިހާރު ހުރިހައި ދަނޑުވެރިންވެސް ވަރަށް އުންމީދުގައި އަޅުގަނޑުމެންނާއިއެކު މަސައްކަތް ފަށައިގެން މިހާރު މިގެންދަނީ ކުރިއަށް." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓްގެ "ކޮންޓްރެކްޓް ފާމިންގ" މަޝްރޫއުގައި މިހާތަނަށް 500 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ މިހާރު އަމަލީގޮތުން މަސައްކަތް ފަށާފައެވެ. އަދި މި މަޝްރޫއަށް ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

އެގްރޯނެޓް ކުންފުންޏާއިއެކު ރާއްޖޭގެ ދަނޑުވެރިންނަށް ވަނީ އުންމީދު ގެނުވާފައެވެ. ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިން ބުނެފައިވަނީ މިއީ ރަނގަޅު މަޝްރޫއުއެއްކަމަށެވެ. މި މަޝްރޫއުއާއިއެކު ދަނޑުވެރިންނަށް ޒަމާންވެފައިވާ ތަކެތި މާކެޓްކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިފައިވާކަމަށް އެމީހުން ފާހަގަކުރެއެވެ.

އެގްރޯނެޓުން ވަނީ ދަނޑުވެރިންނަށް އެހީތެރިވެދިނުމަށް "ސްޓާޓްއަޕް ޕެކޭޖެއް"ވެސް ދޫކުރަން ފަށާފައެވެ. މި ޕެކޭޖްގެ ދަށުން އެ ކުންފުނިން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން ބޭނުންވާ އާލާތައް އިންސްޓޯލްމަންޓް އުސޫލުން ހެޔޮއަގުގައި ދަނީ ދޫކުރަމުންނެވެ.

އެގްރޯނެޓަށް 1 އަހަރުވުމާއި ގާތް ވެފައިވާއިރު މި ކުންފުނިން މިއަދު ވަނީ ދަނޑުވެރިންގެ އަތުގައި ހިފާފައެވެ. ދަނޑުވެރިންނަށް އުންމީދު ގެނުވައި މިއީވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނަފާލިބޭނެ ގޮތައް ކުރެވިދާނެ މަސައްކަތެއްކަން އެ ކުންފުނިން ދަނީ އަންގައިދެމުންނެވެ.