ވިޔަފާރި

ޖޮބް ސެންޓަރ ޕޯޓަލްއަށް ގެނައި ބަދަލާއެކު ވަޒީފާ ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް


އިކޮނޮމިކް މިނިސްޓްރީން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރ ޕޯޓަލް އިތުރު ފީޗާރތަކާއިއެކު ރީލޯންޗްކޮށްފިއެވެ. ޖޮބް ސެންޓަރ ޕޯޓަލްއަކީ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދިވެހިންނަށް ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ޤާއިމްކޮށްފައިވާ ޕޯޓަލްއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ޕޯޓަލްއަށް ގެނައި ބަދަލާއިއެކު ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކާމިޔާބީއެއް ލިބިގެންދާނެކަމަށެވެ.

ޖޮބް ސެންޓަރ ޕޯޓަލް ރީލޯންޗްކުރުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޖޮބް ސެންޓަރ ޕޯޓަލްއަށް މިހާރު މިގެނެވުނު ބަދަލުތަކާއިއެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ޕޯޓަލްގެ ތެރެއިން އިންޓަވިއު ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ވަޒީފާތަކެއް ކަނޑައެޅި އިނގިރޭސި ބަހާއި ދިވެހިބަހުން މިހާރު ވެބްސައިޓް ބޭނުންކުރެވޭނެގޮތް ވަނީ ހަމަޖައްސާފަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ގެނެވިފަ ހުރި ބަދަލުތަކުގެ ތެރޭގައި ފަސޭހައިން 2 ފަރާތުން އިންޓަވިއު ކުރެވި ނަތީޖާއަކަށް ދެވޭނެގޮތާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ވަޒީފާތަކަށް ނެރުމަށް ބާރުއެޅުމަށްޓަކައި ޚާއްސަ ވަޒީފާތަކެއް މީގަ ކަނޑައެޅިގެންގޮސް އެ ވަޒީފާތަކަށް ހަމައެކަނި އެފަދަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ވެބްސައިޓް މިވަނީ ފަރުމާކުރެވިފައެވެ. އަދި އޭގެ އިތުރުން އަޅުގަނޑުމެން ކުރިން ފަށައިގަތްއިރު އިނގިރޭސިބަހުން އޮތް ވެބްސައިޓް މިހާރު ދިވެހި ބަހާއި އިނގިރޭސިބަހުން ބޭނުންކުރެވޭނެ ގޮތްވެސް މިހާރު މިވަނީ ހެދިފައި." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ޖޮބް ސެންޓަރ ޕޯޓަލްއަށް މިހާރު މިގެނެވުނު ބަދަލާއެކު ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް ވަޒީފާ އިއުލާންކުރުމާއި ހަމައިން ވަޒީފާއަށް ޝަރުތުހަމަވެ ޝޯޓްލިސްކުރުމާއި އިންޓަވިއު ކުރުމާއި ވަޒީފާއަށް ހޮވުމާއި ހަމައަށް ފުރިހަމަކުރަންޖެހޭ ކަންކަން ފަސޭހަކަމާއިއެކު ކުރެވޭނެ ގޮތަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ވެބްސައިޓް ފަރުމާކޮށްފައިވަނީ މައިގަނޑު 3 ބައެއް އެކުލެވޭ ގޮތަށެވެ. އެއީ ވަޒީފާދޭ ފަރާތައް ޚާއްސަ ޕޯޓަލްއެއް، ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްސަ ޕޯޓަލްއެއް އަދި ވަޒީފާތަކަށް ބޭނުންވާ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަށް އެފަދަ ޕްރޮގްރާމްތައް ލިސްޓްކޮށްގެން ކުރިއަށްގެންދިއުމަށް ޚާއްސަ ޕޯޓަލްއެކެވެ.