މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނުފަހުން މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖަނަވަރީ މަހު ރާއްޖެ އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވާއިރު މާރޗް މަހު ރާއްޖެއަށް 109،585 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ ފުރަތަމަ 2 ދުވަހު ރާއްޖެއަށް 8973 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 307،543 އަރާފައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5،516 ފަތުރުވެރިން ވަނީ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 2،971 ފަތުރުވެރިން ވަނީ އައިސްފައެވެ. ފެބްރުއަރީ މަހު 3،460 ފަތުރުވެރިން ރާއްޖެ އައިއިރު މާރޗް މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ 3،535 ފަތުރުވެރިންވަނީ އައިސްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %23.4 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ %21.3 އެވެ. 3 ވަނައިގައި ޔޫކްރެއިން އުޅޭއިރު 4 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ.
ކޯވިޑް-19އަށްފަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާރު ރާއްޖޭގައި 697 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މިއާއެކު 46،183 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެތެރެއިން %75 އެނދު ހުޅުވާފައިވަނީ ރިސޯޓްތަކުންނެވެ. %16 ގެސްޓްހައުސްތަކުން ހުޅުވާފައިވާއިރު %6 ސަފާރީތަކުން އަދި %3 އަކީ ހޮޓެލްތަކުން އަލުން އޮޕަރޭޝަނަށް ނެރެފައިވާ އެނދެވެ.