މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މީދޫގައި ތާރުއަޅައިގެން ރަނގަޅު
ފެންވަރަކަށް މަގުހެދުމަށް ބޭނުންވާ ތައްޔާރީތައް ނިމިފައިވާކަމަށް އެ ދެރަށު
ކައުންސިލުން ހާމަކޮށްފިއެވެ.
ރޯޑް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތަށް ބޭނުންވާ
މީހުން ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު، ރަށްރަށުގައި މަސައްކަތް ހިންގުމަށް
ބޭނުންވާ ސައިޓަށް ބިންވެސް ދޫކޮށްފައިވާކަން އެ ދެ ރަށުން މައުލޫމާތުދެއެވެ. ރޯޑް
ކޯޕަރޭޝަނުންވަނީ މި ދެރަށުގައިވެސް މަގުހެދުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާކަން
ހާމަކޮށްފައެވެ. އަދި މިއަހަރުތެރޭ މަސައްކަތް ފެށޭނެކަމަށްވެސް ރޯޑް ކޯރޕަރޭޝަނުން
ހާމަކޮށްފައިވެއެވެ.
ރޯޑްކޯޕަރޭޝަނުން މަސައްކަތްފެށުމަށް ތައްޔާރުވަމުންދާއިރު
އުނގޫފާރު ކައުންސިލުން ބުނީ މަގުހަދަން ފެށުމުގެކުރިން އެރަށުގައި ފެނުގެ ވިއުގަ
އެޅުމަށް ބޭނުންވާ ބައެއް ދިރާސާ ހަދާފައިވާކަމަށެވެ. އެންވަޔަރންމެންޓް
މިނިސްޓްރީންވަނީ އުނގޫފާރުގައި ޤާއިމުކުރާ ފެނުގެ ވިއުގައިގެ މަސައްކަތް މިއަހަރު
ފަހުކޮޅު ފަށާނެކަން ހާމަކޮށްފައެވެ. އަދި މީދޫގައި މިހާރު ނަރުދަމާ ނިޒާމު
ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާތީ އެރަށުގައިވެސް މަގުހެދުމުގެ މަސައްކަތް
ފެށޭނީ އެ މަސައްކަތް ނިމުމުންކަން މީދޫ ކައުންސިލުން ފާހަގަކުރެއެވެ.
މީދޫއާއި އުނގޫފާރުގެ މަގުތަކުން ޖުމްލަ ހަކިލޯމީޓަރަށްވުރެ ދިގުސަރަހައްދެއް
ހަދަން ހަމަޖެހިފައިވެއެވެ. އަދި މިކަމަށް ފަސްދޮޅަސް ހަތަރު މިލިޔަނަށްވުރެ ގިނަ
ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިއީ
ތާރު އަޅައިގެން ރ.އަތޮޅުގެ މީހުން ދިރުއުޅޭ ރަށްރަށުގައި މަގުހެދުމުގެ މަސައްކަތް
ކުރާ ފުރަތަމަފަހަރެވެ.