ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރަކަށް ޢަލީ ރަޝީދު އައްޔަން ކުރައްވައިފި


އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަލީ ރަޝީދު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަލީ ރަޝީދު އައްޔަންކުރެއްވުމާ ގުޅިގެން މަގާމު ހަވާލުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އެވެ.

ޑިވިޝަނަލް ޕޮލިސިންގ ހެޑްގެ ގޮތުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ވަނީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

ޢަލީ ރަޝީދު ވަނީ ފުލުހުންގެ މުއައްސަސާއަށް 25 އަހަރު ޚިދުމަތްކުރައްވާފައެވެ. އަލީ ރަޝީދަކީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް ބެލެހެއްޓުމުގެ އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. މީގެ އިތުރުން ރިސޯސް މެނޭޖްމަންޓް ކަންކަންވެސް އޭނާ ގެންދަވަނީ ބަލަހައްޓަމުންނެވެ. އަލީ ރަޝީދު ވަނީ މެލޭޝިއާއިން ޝަރީޢާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

އަލީ ރަޝީދު ޑެޕިއުޓީ ކޮމިޝަނަރ އަކަށް އައްޔަންކުރެއްވުމުން މިހާރު އެ މަޤާމުގައި ތިއްބަވާނީ ޢަލީ ރަޝީދުގެ އިތުރުން ޢަބްދުލް މަންނާން ޔޫސުފެވެ.