މާލޭ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް އެންގި އެންގުން ބާޠިލުކޮށް، ޕާކުތަކާއި މައިޒާންތައް ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެއްވައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ވަނީ މާލޭ ސަރަހައްދުގައި މިހާރު އަމަލުކުރަމުންދާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރު އެއް ހަފްތާއަށް އިތުރުކޮށްފައެވެ.
އެގޮތުން އެޗް.ޕީ.އޭއިން ވިދާޅުވީ، މާލެއާއި ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު އަދި ހުޅުލޭގައި އިރުއޮއްސި 6 އިން ހެނދުނު 6 އަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައި އޮތްއޮތުން މިއަދުން ފެށިގެން ބާޠިލުކޮށްފައިވާކަމަށެވެ. މާލޭ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށް އެންގި އެންގުންވެސް ނިމުމަކަށްގެނެސް، އެތަންތަން ހުޅުވުމުގެ ހުއްދަ އެޗް.ޕީ.އޭއިން ވަނީ ދެއްވާފައެވެ.
އެހެންނަމަވެސް ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނެސް މިމަހުގެ 4 ވަނަ ދުވަހު އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައި ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކަކަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ފިޔަވަޅުތައް އިތުރު 7 ދުވަހަށް ދެމެހެއްޓުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުމަށާއި، ޚާއްޞަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް އޮތުމާއި، ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމުގެ އިތުރުން ޑޭ ކެއަރގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓާލުމަށް މިމަހުގެ 4 ވަނަ ދުވަހު އެންގި އެންގުންވެސް މިއަދުން ފެށިގެން އިތުރު 7 ދުވަހަށް ވަނީ ދަމަހައްޓާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ސިފައިންނާއި ފުލުހުން، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސްއާއި، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި، އިމަރޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދާންޖެހޭ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާވާނެކަމަށެވެ.