ޚަބަރު

ކޮމިޓީގައި މަލީހު ދެއްކެވީ އަސާސެއްނެތް ވާހަކަތަކެއް ކަމަށް ނިންމައިފި


ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރުދައްކާ ކަމަށް ބުނެ ކުރީގެ މިނިސްޓަރު މަލީހު ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ހާޒިރުވެ މަލީހު ދެއްކެވި ވާހަކަތަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށް ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް މިއަދު ނިންމުމާއި ގުޅިގެން މިނިންމުން މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާނެއެވެ. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން ވަކިކޮށްފައިވާ މުޙައްމަދު މަލީހު ޖަމާލް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ޙާޒިރުކޮށް، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރުދައްކާކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން އޭނާއާ ސުވާލުކުރުމުން މަލީހު ވަނީ އޭނާއާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

މަލީހުގެ މިތުހުމަތުތަކާއި ގުޅިގެން އިމްތިޔާޒު ކޮމިޓީގައި މެމްބަރުން ވަނީ މިކަމުގެ ތަފްސީލް ހޯދުމަށް އެދި ސުވާލުކޮށްފައެވެ. ނަމަވެސް މިސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި މަލީހު ވަނީ މަޖިލީހުގައި ދެއްކި ވާހަކައާއި ގުޅިގެން މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށް ބުނެފައެވެ. އަދި ތަކުރާރުކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މި ސުވާލު ކުރެއްވުމުންވެސް މަލީހު ވަނީ ސުވާލަށް ޖަވާބު ނުދެއްވައި ކޮމިޓީއަށް ހާޒިރު ކުރެވުނު ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

މަލީހުގެ ވާހަކަތަކާއި ގުޅިގެން ކޮމިޓީގައި ހިމެނޭ އެމްޑީޕީ މެމްބަރުން ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ހާޒިރުވެ އެއްވެސް ބޭފުޅަކަށް ދޮގު ބަހުން ވާހަކަ ނުދެއްކެވޭނެކަމަށެވެ. އަދި މަޖިލީހުގައި އެފަދަ ވާހަކަ ދައްކައިފިނަމަ އެކަން ބަލައި ސާފުކުރުމުގެ އިޚްތިޔާރު އޮތްކަމަށާއި ނަމަވެސް މަލީހު ހާޒިރުކުރީ ތަހުގީގެއް ހިންގުމުގެ ބޭނުމުގައި ނޫންކަމަށެވެ.