ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ޑޭޓާ ސެންޓަރު އުރީދޫ މޯލްޑިވްސްއިން ޤާއިމްކޮށްފި


ރާއްޖޭގެ އެންމެ ފުރަތަމަ ޑޭޓާ ސެންޓަރު އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރަކީ ކުންފުނިތަކުގެ ޑިޖިޓަލް ޙިދުމަތް ދިނުމުގައި ހިދުމަތްތަކުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަން، ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާއެކު ރައްކާތެރިކަން ފޯރުކޮށްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެއްކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޑޭޓާ ސެންޓަރު ޤާއިމްކޮށްފައިވަނީ ހުޅުމާލޭގައެވެ. އުރީދޫއިން ބުނީ މި ޑޭޓާ ސެންޓަރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި، ސަރުކާރު އިދާރާތަކަށް އަދި ޓުއަރިޒަމް ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް އައު އިޖާދީ ޑިޖިޓަލް ޚިދުމަތްތައް ތައާރަފުކޮށް ދާއިރާތައް ކުރިއެރުވުމުގައި ފަސޭހަވެގެންދާނެކަމަށެވެ.

އުރީދޫގެ ޑޭޓާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ ދުނިޔެއަށް ހުޅުވާލެވޭ މިފަދަ ޑޭޓާ ސެންޓަރުތަކުގެ ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެ، ބޭނުންކުރާ އަދަދުވެސް އިތުރުވެގެންދާނެކަމަށެވެ. ޑޭޓާ ސެންޓަރުތަކުން ދެވޭ ޚިދުމަތްތަކަކީ ވިޔަފާރިތަކާއި ކުންފުނިތަކުގެ ކުރިއެރުމަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ޚިދުމަތަކަށްވީއިރު، ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމްވުމާއެކު ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ސަރަހައްދީ ވިޔަފާރިތަކަށްވެސް، ވިޔަފާރިތަކުގެ ޑޭޓާ ރާއްޖޭގައި ހޮސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ނަޖީބް ހާން ވިދާޅުވިއެވެ. ޓެކްނޮލޮޖީގެ ދާއިރާއިން މި އެޅުނު މުހިންމު ބިންގަލާއެކު، އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ދިވެހިރާއްޖެއަކީ މި ސަރަހައްދުގެ ޓެކްނޮލޮޖީގެ ވަރުގަދަ ހަބަކަށް ވެގެންދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޑޭޓާ ސެންޓަރަކީ ޓިއަރ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ ސެންޓަރެއްކަމަށް އެ ކުންފުނިން ބުނެއެވެ. މިސެންޓަރު ގާއިމް ކުރެވިފައިވަނީ ތަނަވަސް ސްޓޯރޭޖް ކެޕޭސިޓީއަކާއިއެކު 7/24 މަސައްކަތްކުރާ ހައި ސެކިއުރިޓީ ސިސްޓަމް، ފިނި ހޫނުމިން ބެލެހެއްޓޭ ސިސްޓަމްތަކާއި، ވަރުގަދަ ޕަވަރ ބެކަޕަކާއެކު ގާއިމްކުރެވިފައިވާ ސެންޓަރެކެވެ. މި އިމާރާތް ބިނާކޮށްފައިވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާ ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ. މީޑިއަމް އެންޑް ހައި ޑެންސިޓީ ރެކްސްޕޭސްއާއެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޭޓާ ހޮސްޓު ކުރެވޭނެ ކަމުގައިވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ކަރަންޓްގެ ކުއްލި ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސެންޓަރުގެ ޕަވަރ ބެކަޕް މެދުވެރިކޮށް 14 ދުވަހު ހިދުމަތް ފޯރުކޮށްދެވޭނެއެވެ. އުރީދޫ މޯލްޑިވްސްއިން ގާއިމްކުރި މި ސެންޓަރުގައި ކުންފުނިތަކަށް ހާއްސަ އުރީދޫގެ ޚިދުމަތްތައް ތަޖުރިބާކޮށް ބަލާލުމަށް ޑެމޯ ރޫމްއެއްވެސް ވަނީ ގާއިމްކޮށްފައެވެ.