އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަނަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. އެސްއެމްއީ ބޭންކު އުފެއްދިތާ މިހާރު މިވަނީ 2 އަހަރު ފުރިފައެވެ.
އެސްއެމްއީ ބޭންކުން ބުނީ ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އެ ބޭންކުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެ ބޭންކުން ފޯރުކޮށްދީފައިވާ ލޯނުގެ %33 ދޫކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނަށްކަމަށް އެ ބޭންކުން ބުނެއެވެ.
އެސްއެމްއީ ބޭންކު އުފެއްދީ 18 މާރިޗު 2019 ގައެވެ. އެސްއެމްއީ ބޭންކުން ބުނީ 2019 ވަނަ އަހަރު ޖުމްލަ 287 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. މިއީ ޖުމްލަ 343,940,116 ރުފިޔާގެ ލޯނެވެ. އަދި 2020 ވަނަ އަހަރު ޖުމްލަ 305 ފަރާތަކަށް 420,189,707 ރުފިޔާގެ ލޯނު އެސްއެމްއީ ބޭންކުން ވަނީ ދޫކޮށްފައެވެ.
ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު އެސްއެމްއީ ބޭންކުގެ ލޯނު ޕޯޓްފޯލިއޯގެ އިތުރުން ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ނަމުގައި އައު ލޯނެއް ތައާރަފްކޮށް އަހަރުގެ ބޮޑުބައެއްގައި ވަނީ މި ލޯނު ދޫކޮށްފައެވެ. އެގޮތުން "ކޯވިޑް-19 ވިޔަފާރި އެހީލޯނު" ގެ ދަށުން ޖުމްލަ 2205 ފަރާތަކަށް 381,086,730 ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް 1520 ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ވިޔަފާރިތަކަށް 685 ލޯނު ވަނީ ދޫކޮށްފައެވެ.
އެސްއެމްއީ ބޭންކުން މިހާރު ވަނީ ކޯވިޑަށްފަހު އެ ބޭންކުން ދޫކުރާ ހުރިހާ ލޯނަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ. މިއާއިއެކު މިހާރު އަނެއްކާވެސް ލޯނަށް އެދޭ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާކަމަށް އެ ބޭންކުން ބުނެއެވެ.
އެސްއެމްއީ ބޭންކުގެ ލޯނަށް އެދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސައްކަތް އެސްޑީއެފްސީން ދަނީ ކުރަމުންނެވެ.
އެސްއެމްއީ ބޭންކު ވުޖޫދުވުމުގެ ކުރިން ރާއްޖޭގައި ހިންގާ ބޭންކުތަކުން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ދަތިތަކެއް ހުރިއެވެ. ނަމަވެސް އެސްއެމްއީ ބޭންކާއިއެކު މި ވިޔަފާރިތަކަށް ފައިނޭންސް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދިޔައެވެ.