މިދިޔަމަހު އިމްޕޯޓް އަދި އެކްސްޕޯޓް ދަށްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ފެބްރުއަރީމަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީމަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެހެންކަމުން 2020 ވަނަ އަހަރާއި އަޅާބަލާއިރު 2021 ވަނަ އަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދަލުގެ އަދަދު ވަނީ %25 ދަށްވެފައެވެ.
މިދިޔަ ފެބްރުއަރީމަހު ރާއްޖެއިން 239 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ ފެބްރުއަރީމަހު އެކްސްޕޯޓް އުޅުނީ 397 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %40 ދަށްވުމެކެވެ.
އިމްޕޯޓް އެކްސްޕޯޓް ދަށްވެފައިވާއިރު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީވެސް މިދިޔަމަހު ވަނީ ދަށްވެފައެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީމަހު ދައުލަތައް އިމްޕޯޓް އެކްސްޕޯޓް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 300 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީމަހު މިއަދަދު އުޅެނީ 256 މިލިއަނުގައެވެ.
ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. ޔޫ.އޭ.އީއިން 407 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަވާއިރު ޗައިނާއިން 381 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 339 މިލިއަން ރުފިޔާގެ މުދާ ފާއިތުވިމަހު ވަނީ އެތެރެކޮށްފައެވެ.
ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗެވެ. 636 މިލިއަންގެ ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ވަނީ އިމްޕޯޓްކޮށްފައެވެ. 2 ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީއާއި، މެކޭނިކަލް ސާމާނާއި އަދި ކަރަންޓު ސާމާނެވެ. މި ބާވަތުގެ 559 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. 3 ވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. 439 މިލިއަން ރުފިޔާގެ ފިއުލް ވަނީ ރާއްޖެއަށް މިދިޔަމަހު އިމްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ. ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑް، ޖަރުމަނުވިލާތް، އަދި އެމެރިކާއަށެވެ. މިދިޔަމަހު ރާއްޖެއިން ޕްރޮސެސްކުރެވުނު ޑިކްލަރޭޝަން ވަނީ ދަށްވެފައެވެ. ނަމަވެސް ކްލިއަރެންސް ދީފައިވާ އުޅަނދުތަކުގެ އަދަދު އިތުރުކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކައެވެ.