ޚަބަރު

މާލެ ސަރަހައްދުގައި ވޯޓުލާ މަރުކަޒު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ


އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި ވޯޓްލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި މާލެ ސަރަހައްދުގައި ބަހައްޓަންޖެހޭ ވޯޓްފޮށީގެ އަދަދުވަނީ އިތުރުވެފައެވެ. މިއާއިއެކު އިތުރު މަރުކަޒުތައް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކޮމިޝަނުން އިއުލާންކޮށްފައިވަނީ ކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން މާލޭ ސަރަހައްދުގައި 202 ވޯޓުލާ މަރުކަޒު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދާށެވެ. މާލެ ސަރަހައްދުގައި ވޯޓުލާ މަރުކަޒު ގާއިމްކޮށްދިނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ބީލަނަށް ހުށަހެޅުމަށްވަނީ ދަންނަވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން 2 ފަހަރެއްގެ މަތީން ފަސްކުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވޯޓުލާ މަރުކަޒު ތަކަށް ގެނެވުނު ބަދަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށްކަމަށެވެ. ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމައްޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި އަދި އެއައްވުރެ އަދަދު މަދުކޮށްފައިވާނެކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އިންތިޚާބު ނުބޭއްވޭނެކަމަށް ވިދާޅުވެ އިންތިޚާބު ބޭއްވުމަށްޓަކައި އިތުރަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.