އެމެރިކާގެ ނޯވާވެކްސިން އިންކުން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިނުން ބަލި ޖެހުމުން ރައްކާތެރިކޮށްދިނުމުގައި 96 އިންސައްތަ ކާމިޔާބުކަމަށް ފަހު މަރުޚަލާގެ ތަހުލީލުތަކުން ދައްކައިފިއެވެ.
ނޯވާވެކްސް އިންކުން ބުނީ އިނގިރޭސިވިލާތުގައި ކުރިއަށް ގެންގޮސްފައިވާ ފަހު މަރުޚަލާގެ ތަހުލީލުތަކުގައި ވެކްސިން ދިން މީހުންގެ ތެރެއިން އެކަކުވެސް ހާލު ބޮޑުވެ މަރުވެފައި ނުވާކަމަށެވެ. ވައިރަހުގެ އެކި ވައްތަރުތައް ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި އެފަދަ ނަތީޖާއެއް ލިބުމުން އެއީ ވައިރަހުގެ އެކި ވައްތަރުތަކާއި ދެކޮޅަށްވެސް ވެކްސިން މަސައްކަތްކުރާކަމުގެ ހެއްކެއްކަމަށް އެ ކުންފުނިން ބުނެއެވެ.
އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަހުގެ ވޭރިއަންޓާ ދެކޮޅަށްވެސް ވެކްސިން ކާމިޔާބުކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެ ވޭރިއަންޓުގެ ސަބަބުން މީހުންނަށް ބަލިޖެހުމުން ރައްކާތެރި ކޮށްދިނުމުގައި 86 އިންސައްތަ ކާމިޔާބުކަމަށް ނޯވާވެކްސުން ބުނެއެވެ. އެހެންކަމުން ފުރަތަމަ ފެތުރެންފެށި ވައިރަހާއި އިނގިރޭސިވިލާތުގައި ފެތުރެންފެށި ވައިރަހުގެ ވައްތަރާއި ދެވައްތަރާ ދެކޮޅަށް އެ ވެކްސިން 90 އިންސައްތައަށް ކާމިޔާބުކަމަށް ނޯވާވެކްސުން ފާހަގަކުރެއެވެ.
އޭގެ އިތުރުން ދެކުނު އެފުރިކާއިން ފެނިފައިވާ ވައިރަހުގެ ވޭރިއަންޓާ ދެކޮޅަށް ނޯވާވެކްސްގެ ވެކްސިން 55 އިންސައްތަ ކާމިޔާބުކަމަށް އެ ޤައުމުގައި ކުރިއަށް ގެންގޮސްފައިވާ ކުޑަ ދިރާސާއަކުންވަނީ ދައްކައިފައެވެ. އަދި އެ ވޭރިއަންޓުގެ ސަބަބުން ބަލިޖެހުނު ކަމުގައިވި ނަމަވެސް ވެކްސިންގެ ސަބަބުން ޙާލު ބޮޑުވިޔަ ނުދީ ހިފަހައްޓައިދޭކަމަށްވެސް ނޯވާވެކްސުންވަނީ ބުނެފައެވެ.
ނޯވާވެކްސުން ބުނީ މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ތަހުލީލުތަކުގެ ނަތީޖާތައް ބޭނުންކޮށްގެން ވެކްސިން ބޭނުންކުރުމުގެ ޙުއްދައަށް އެކި ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުގައި އެދޭނެކަމަށެވެ.