ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ ޖަލު ހުކުމުގައި ހުއްޓާ ފިލައިގެން ދިޔަ މައްސަލައި އޭނާ ހަތް މަހާއި 18 ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
އޭނާ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގަ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިޢުތިރާފްވެ ވަނީ އަވަސް ނިޔާގެ ޙުކުމް އިއްވުމަށް މިދިޔަ ހަފްތާގައި އެދިފައެވެ. އަދި ވީއެންމެ ކުޑަ ޙުކުމެއް ކުރުމަށް ޝަރީޢަތުގައި އޭނާ އެދިފައިވެއެވެ.
މި މައްސަލައިގަ މިއަދު ބޭއްވި ޝަރީޢަތުގައި ލުޠުފީގެ މައްޗަށް ވަނީ ޙުކުމް ކޮށްފައެވެ. މިހާރުވެސް ޖަލު ޙުކުމެއް ތަންފީޒްކުރަމުންގެންދާ ލުޠުފީ ވަނީ މިއަދުގެ ޝަރީޢަތުގައި އޭނާއަކީ ބަލިމީހެއްކަމަށާއި، އޭނާ މިހާރު ތަންފީޒްކުރަމުން ގެންދާ ހުކުމުގައި ބާކީ ދެއަހަރެއްހާ ދުވަސް އޮތުމާއިއެކު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ލުޠުފީގެ އެދުމަށް ދައުލަތުން ވަނީ އިއުތިރާޒްކޮށްފައެވެ. ދައުލަތުން ވިދާޅުވީ ލުޠުފީގެ މައްޗަށް ބަންދުކުރާ މަރުކަޒަކުން ފިލިކަމުގެ ދައުވާވެސް އުފުލާފައިވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދިން ހުއްދައިގަ އޭނާ ފިލާފައިވާތީކަމަށެވެ. އެހެންކަމުން ޖަލު ނޫން އެހެންތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ދައުލަތުން އިޢުތިރާޒްކުރިއެވެ.
މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ވަނީ ލުޠުފީ ފިލިކަމަށް އިއުތިރާފްވެފައިވާތީ ހުކުމް ކުރަން ޖެހޭ އަސާސީ މިންގަނޑަށްވުރެ މަދުކުރަންޖެހޭ ކަމެއް ފާހަގަކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. ކޯޓަށް ޙާޒިރުކޮށްގެން ބޭއްވި މި ޝަރީޢަތުގައި ޤާޟީވަނީ ލުޠުފީ ފިލި މައްސަލައިގަ 7 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.
1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ "އިންޓަރޕޯލް" މެދުވެރިކޮށް އޭނާ ހޯދުމަށް "ރެޑް ނޯޓިސް" ވެސް ނެރެފައެވެ.
ލުޠުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ޙާޒިރުވުމުންނެވެ.
ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރާ ދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ.
އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.
މި މައްސަލައިގަ ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.