މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ނަމުގައި މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 18ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނުގެދަށުން ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް މިޤާނޫނު ތަސްދީޤުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 31ވަނަ ދުވަހުއެވެ.
އައު ޤާނޫނުގެ ދަށުން ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކަން ހާމަކުރައްވާފައެވެ. ޤާނޫނު ނަމްބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް، ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކުރި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އާދައިގެ ހަނޑޫ، އާދައިގެ ހުދު ހަކުރު، އަދި އާދައިގެ ފުށެވެ.
ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގެއްގައި ވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގެ 65ވަނަ މާއްދާގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ހަނޑޫ، ހަކުރު އަދި ފުށް ރީޓެއިލްކޮށް ވިއްކޭނެ އެންމެ މަތީ އަގު މިހާރު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅުއްވައި ޢިއުލާންކުރައްވާފައެވެ.
މި ބަދަލާއިއެކު އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 4.80 (ހަތަރު ރުފިޔާ އަށްޑިހަ ލާރި)އެވެ. އާދައިގެ ހުދު ހަކުރު ވިއްކޭނެ އެންމެ މަތީ އަގަކީ 4.82 (ހަތަރު ރުފިޔާ އަށްޑިހަ ދެލާރި)އެވެ. އާދައިގެ ފުށް ވިއްކޭނީ 3.80 (ތިން ރުފިޔާ އަށްޑިހަ ލާރި)އަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކާޑުގެ ބާވަތްތައް ގެންދިއުމުގައި ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން ވިއްކަމުންދާތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކޭގެ އަގުތައްވެސް އެމިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ޒޯން 1 ނުވަތަ ހއ،ހދ،ށ މިއަތޮޅުތަކުގައި ކިލޯއަކަށް އިތުރުކުރެވޭނީ 1.02 ރުފިޔާއެވެ. ޒޯން 2 nުވަތަ ނ،ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ،ތ މިއަތޮޅުތަގައި ކިލޯއަކަށް އިތުރުކުރެވޭނީ 0.82 ލާރިއެވެ. ޒޯން 3 ނުވަތަ ލ،ގއ،ގދ،ޏ،ސ މިއަތޮޅުތަކުގައި ކިލޯއަކަށް އިތުރުކުރެވޭނެ އެންމެ މަތީ އަގެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ 1.21 ރުފިޔާއެވެ.
އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އަގަށްވުރެ ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.