ވިޔަފާރި

ދިވެހިންނަށް ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް


ދިވެހިންނަށް ވަޒީފާ ނުލިބޭ މައްސަލައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެވެ. އަދި ދިވެހިންނަށް ވަޒީފާ ނުލިބި އެ ވަޒީފާތަކަށް ބޭރުމީހުން ގެންނަ ޝަކުވާއަކީވެސް ކުރެވޭ ޝަކުވާތަކެކެވެ. ނަމަވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ވަކި ޚާއްސަ ވަޒީފާތަކެއްގައި ހަމައެކަނި ދިވެހިންނަށް މަސައްކަތް ކުރެވޭގޮތް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ. މި ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ބޭރުމީހުންނަކަށް ނުލިބޭނެއެވެ. މީގެތެރޭގައި ރިސޯޓްތަކުގައި މަސައްކަތްކުރާ ފޮޓޯގްރަފަރުންނާއި މިއުޒީޝަނުން ހިމެނެއެވެ.

މިފަދަ ވަޒީފާތަކުގައި ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރެވޭގޮތައް ހަމަޖައްސާފައިވާއިރު ޤަވާއިދާއި ޚިލާފަށް މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީންނަށް ސަރުކާރުން އަންނަނީ ފިޔަވަޅުވެސް އަޅުއްވަމުންނެވެ. އިމިގްރޭޝަނުން ބުނީ ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ މައްސަލަތައް އެ އިދާރާއަށް ވަރަށްގިނައިން ލިބެމުން އަންނަކަމަށެވެ.

އިމިގްރޭޝަނުން ދާދިފަހުން ވަނީ އެކި ހުއްދަތަކުގައި ރާއްޖެއައިސް ރިސޯޓުތަކުގައި ފޮޓޯގްރާފަރުންގެ ގޮތުގައާއި މިއުޒިކް ހަރަކާތްތަކުގައި ޝާމިލްވެގެން އުޅޭ 60 ބިދޭސީއަކު ރާއްޖެއިން ފުރުވާލުމަށް އަންގާފައެވެ. މީގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

ވަކި ޚާއްސަ ވަޒީފާތަކެއްގައި ހަމައެކަނި ދިވެހިންނަށް މަސައްކަތް ކުރެވޭގޮތަށް ހަމަޖައްސާފައިވަނީ އެ ދާއިރާތަކުން ދިވެހިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. މިހާރުވެސް ރިސޯޓްތަކުގައި މިއުޒީޝަނުންގެ ގޮތުގައާއި ފޮޓޯގްރަފަރުންގެ ގޮތުގައި ގިނަ ދިވެހިން އަންނަނީ މަސައްކަތްކުރަމުންނެވެ. މިއީ އެމީހުންނަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭ މަސައްކަތްތަކެކެވެ. ނަމަވެސް ޤަވާއިދާ ޚިލާފަށް މިފަދަ މަސައްކަތްތަކުގައި ބިދޭސީންނަށް މަސައްކަތްކުރުމުގެ ފުރުސަތު ދޭނަމަ ދިވެހިންނަށް ލިބޭ ފުރުސަތުތައް ހަނިވެގެންދާނެއެވެ.

ބޭރު މީހުން ރާއްޖޭގެ ވަޒީފާތަކަށް ގެނައުމުގައި އަމަލުކުރަމުންދާ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަންމމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލްވެސް ދާދިފަހުން ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ މަތީ ފަންތީގެ ވަޒީފާތައްކަމަށްވާ، މެނޭޖްމަންޓް ލެވަލްއާއި، މިޑް މެނޭޖްމަންޓް ލެވަލްގެ ވަޒީފާތަކަށް ދިވެހިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ބޮޑު މުސާރަ ލިބޭ ވަޒީފާތައްވެސް ދިވެހިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. ޤަވާއިދަށް ބަދަލުގެނައުމުން ބިދޭސީން ތިބި ވަޒީފާތައް ދިވެހިންނަށް ލިބި، ދިވެހިންނަށް ވަޒީފާ ނުލިބޭ މައްސަލައަށް ހައްލު އަންނާނެއެވެ.

ދިވެހިންނަށް ވަޒީފާ ނުލިބޭކަމުގެ ކަންބޮޑުވުންތަކާއިއެކު މި ސަރުކާރުން ވަނީ ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޖޮބްސެންޓަރގެ ނަމުގައި ޚާއްސަ ޕޯޓަލްއެއްވެސް ތައާރަފްކޮށްފައެވެ. ސަރުކާރުން ވަނީ ވަޒީފާ ބޭނުންވާ ހުރިހައި ދިވެހިންވެސް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެދިފައެވެ. އަދި ވަޒީފާ ބޭނުންވެ ވަޒީފާ ނުލިބިވާ ދިވެއްސެއް ހުރިތޯ ބަލޭނީވެސް މި ޕޯޓަލްގައި ރަޖިސްޓްރީވެފައިވާނަމައެވެ. ޕޯޓަލްގައި ވަޒީފާއެއް ބޭނުންވެ އެއްވެސް ދިވެއްސަކު ރަޖިސްޓްރީވެފައިވާނަމަ އެ ވަޒީފާއަކަށް ބޭރުމީހަކު ނުގެނެވޭނެކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ޖޮބް ސެންޓަރގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްގެންދެވޭނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓްރީވެގެންނެވެ. އެހެންކަމުން ވަޒީފާ ބޭނުންވެފައިވާ ދިވެއްސަކު ހުރިނަމަ މި ޕޯޓަލްގައި ރަޖިސްޓްރީވުން މުހިންމެވެ.