ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައިގަ ދައުވާކުރުމަށް މިހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހިންގާފައިވާ ކޮރަޕްޝަނާއި ގުޅޭ އައު މަޢުލޫމާތުތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ.
ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރި މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުއްވިއެވެ. އޭސީސީގެ ތަހުޤީގުގައި ބުނެފައިވަނީ ވެންޓިލޭޓަރ ހޯދުމުގައި ހެލްތު މިނިސްޓްރީން މަސައްކަތްކޮށްފައި ވަނީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށްކަމަށެވެ. އެހެންނަމަވެސް މި މައްސަލާގައި ޕީޖީ އޮފީހުން ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ. ދައުވާނުކުރަން ނިންމި ނިންމުން މުރާޖަޢާ ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އޭސީސީއާއި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ކުރުމަށް މަޖިލީހުން ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން އޭސީސީން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލަ އަލުން ރިވިއުކޮށް ޕީޖީއަށް ފޮނުއްވާފައިވާކަަަމަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްރޮސެކކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭސީސީގެ ތަހުގީގްގައި ކުރިން ހިމަނާފައި ނުވާ ގިނަ މަޢުލޫމާތުތަކެއް އޭސީސީން ޕީޖީއަށް މިހާރު ފޮނުއްވާފައިވާކަމަށެވެ. އަދި ފުލުހުން ހޯދާފައިވާ ބައެއް މަޢުލޫމާތުތައްވެސް ޕީޖީއަށް ލިބިވަޑައިގެންފައިވާކަމަށާއި، އެ މައްސަލާގައި ދައުވާކުރުމާމެދު މިހަފްތާގައި ގޮތެއް ނިންމަވާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި އިހުމާލުވުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އޭސީސީން އެކަން ތަހްޤީޤުކޮށް އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމެވީ ދައުވާ ކުރެވޭނެ މިންވަރާ ގާތަށްވެސް ހެކި ލިބިފައި ނުވާކަމށް ވިދާޅުވެއެވެ. އަދި މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށެވެ. ޕީޖީގެ މި ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އޭސީސީއާއި ކަމާއި ގުޅުންހުރި ބައެއް ޢިދާރާތަކުން ވަނީ ފާޅުކޮށްފައެވެ. އަދި ޕީޖީ ނިންމެވި ނިންމެވުން މުރާޖަޢާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރިޕޯޓެއް އެކުލަވާލައި، އެރިޕޯޓް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި މައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމަވާފައިވަނިކޮށް ހެލްތު މިނިސްޓަރުކަމުގެ މަޤާމުން އަބްދުﷲ އަމީން ވަނީ އިސްތިއުފާ ދެއްވާފައެވެ. ދުބާއީގެ އެގްޒެކިއުޓާސްއާއެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އަދި ލިބިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.