ވިޔަފާރި

އަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 172 މިލިއަން ރުފިޔާ


މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 172 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން ބުނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މަސްވެރިންގެ އަތުން 6179 މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 93 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި ފެބްރުއަރީމަހު 5106 މެޓްރިކް ޓަނުގެ މަސްގަނެ މަސްވެރިންނަށް 79 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް މިފްކޯއިން ވަނީ 11285 މެޓްރިކް ޓަނުގެ މަސްގަނެ މަސްވެރިންނަށް 172 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މިފްކޯއިން މިވަގުތު މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ކިލޯއެއް 16 ރުފިޔާއަށެވެ. މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަމުންދަނީ އެއިރެއްގައި ދުނިޔޭގެ ބާޒާރުގައި އަގުތައް ހުންނަ ގޮތަށް ބެލުމަށްފަހުގައިކަމަށް އެ ކުންފުނިން ބުނެއެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވާ ދަނޑިވަޅުގައިވެސް މަސްވެރިކަމުގެ ސިނާއަތުން އިޤްތިޞާދަށް ލިބޭ މަންފާ އިތުރުކުރުމަށް މިފްކޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިދިޔަ އަހަރުވެސް މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 47000 އަށްވުރެ ގިނަ ޓަނުގެ މަސްގަނެ 845 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.

މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އައިސް ލިބުމުގައި ހުރި ގޮންޖެހުންތަކެވެ. އަދި މިފްކޯގެ މިވަގުތުގައި ހުރި ކެޕޭސިޓީއަށް ބެލުމަށްފަހު މަސްވެރިންނަށް އައިސް ދެމުން އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މި އައިސް ޕްލާންޓްތައް ޤާއިމްވެގެންދިއުމުގެ ސަބަބުން މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.