އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫގައި ބައިވެރިވީ އުފައްދާ ތަކެއްޗަށް ރަނގަޅު މާކެޓެއް ލިބޭނެކަން ޔަޤީންވާތީކަމަށް ބައެއް ދަނޑުވެރިން ބުނެފިއެވެ. އެގްރޯ ނެޓްގެ ކޮންޓްރެކްޓް ފާމިން މަޝްރޫއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ގއ. ނިލަންދޫގެ ޒުވާން އަންހެން ދަނޑުވެރިއަކު ބުނީ، މިއީ ޒުވާނުންނަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ. ދަނޑުވެރިންނަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަކެތި މާކެޓް ކުރެވޭނެގޮތް ނެތުންކަން ފާހަގަކުރައްވައި އޭނާ ބުނީ، އެގްރޯނެޓްއާއިއެކު އެއްބަސްވުންތައް ހަދައިގެން ތަކެތި މާކެޓްކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
"ޒުވާނުންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް މިއީ. މިރަށުގައި ދަނޑުވެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް މާކެޓް ނުލިބި އެއްޗެތިތައް ނުވިކި ހުރުން. އެގްރޯ ނޭޝަނަލްއާއި އެގްރިމަންޓް ހަދައިގެން އަޅުގަނޑުމެންނަށް މިލިބުނީ ވަރަށް ރަނގަޅު ފުރުސަތެއް އެއްޗެތި ރަނގަޅަށް ހައްދައިގެން އެގްރޯ ނޭޝަނަލްއާއިއެކު ރަނގަޅު މާކެޓެއް ހޯދުމަށް. ކުރިން ބޭސްތައްވެސް މިގެންނަނީ މާލެއިން ވަރަށް އަގުބޮޑުކޮށް. މިހާރު ބޭސްތައްވެސް އަގުހެޔޮކޮށް ލިބޭގޮތް މިވަނީ ވެފައި." ކޮންޓްރެކްޓް ފާމިންގައި ބައިވެރިވި ނިލަންދޫ ދަނޑުވެރިޔާ ބުންޏެވެ.
#contracfarming project empowers youth and women through #sustainable agriculture. @HaroonRshdh @Fulhu_2642 pic.twitter.com/cWYyWyhXCJ
— AgroNat (@agro_nat) February 24, 2021
ކޮންޓްރެކްޓް ފާމިންގައި ބައިވެރިވެ ދަނޑުވެރިކަން ކުރަމުންދާ ގއ. ގެމަނަފުށީ އަންހެން ދަނޑުވެރިއަކު ފާހަގަކުރިގޮތުން އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވީ ހައްދާ ތަކެތި މާކެޓް ކުރެވޭނެ ގޮތެއް ނެތުމުންކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ހައްދާތަކެތި މާކެޓް ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ފާހަގަކޮށް އޭނާ ބުނީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބޭސްވެސް އެގްރޯނެޓް މެދުވެރިކޮށް ހެޔޮއަގުގައި ލިބޭކަމަށެވެ.
"އެގްރޯގައި ބައިވެރިވި އެންމެ ބޮޑު ސަބަބަކީ މާކެޓް ކުރެވޭނެ ގޮތެއް ނެތުމުން. ބޭސްވެސް މާލެއިންވެސް ރަށުންވެސް މި ގަންނަން ޖެހެނީ ވަރަށް އަގުބޮޑުކޮށް އެހެންވެ އެގްރޯނެޓްގައި ބައިވެރިވީ." ގއ ގެމަނަފުށި ދަނޑުވެރިއަކު ބުންޏެވެ.
#contractfarming project supports farmers both technically and financially. pic.twitter.com/7q4V5MnSJU
— AgroNat (@agro_nat) February 24, 2021
އެގްރޯނެޓުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގެ 40 އިންސައްތަ ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. މީގެ މައިގަނޑު ބޭނުމަކީ ދަނޑުވެރިކަމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ އަންހެނުންގެ އަދަދު އިތުރުކަމަށްވެސް އެގްރޯނެޓުން ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން 20 އިންސައްތަ ޚާއްސަކޮށްފައިވަނީ ޒުވާނުންނަށެވެ.
އެގްރޯނެޓުން ވިދާޅުވީ، ކޮންޓްރެކްޓް ފާމިންގެ ދަށުން މިހާތަނަށް 132 ދަނޑުވެރިއަކާއެކު އެއްބަސްވުން ޤާއިމްކޮށްފައިވާކަމަށެވެ. މީގެތެރެއިން 44 ދަނޑުވެރިއަކާއެކު މިހާތަނަށް ވަނީ ދަނޑުވެރިކަމުގެ މަސައްކަތް ފަށާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޖުމްލަ 1361 ދަނޑުވެރިން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު 645 ދަނޑުވެރިއަކާއިއެކު އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ކޮންޓްރެކްޓް ފާމިންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖެ 5 ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ.
އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.