ދުނިޔެ

ވެކްސިން ސެޓްފިކެޓެއް ދޫކުރުން ބަހުސަކަށް


ވިލާތުގެ ޤައުމުތަކުގައި ކޯވިޑް-19 ވެކްސިން ޖަހާފައިވާ މީހުންނަށް އެކަން އަންގައިދޭ ސެޓްފިކެޓެއް ދޫކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް އެ އިއްތިޙާދުން ތައްޔާރުވެއްޖެއެވެ.

ކޯވިޑްގެ ސަބަބުން ގިނަ ޤައުމުތަކެއް ފުރަބަންދުކުރުމުގެ ސަބަބުން 27 ޤައުމު ހިމެނޭ ވިލާތުގެ އިއްތިޙާދަށްވަނީ އިޤްތިޞާދީ ބޮޑު ހީނަރުކަމަކާއި ކުރިމަތިވެފައެވެ. އިޤްތިޞާދުގެ މުހިންމު ބައެއްގެ ގޮތުގައި ފަތުރުވެރިކަން އޮންނަ ވިލާތުގެ ދެކުނުގެ ޤައުމުތަކަށް ލިބިފައިވާ ގެއްލުން އަދި ވަކިން ބޮޑެވެ.

ކޯވިޑާއި ދެކޮޅަށް މިހާރު ވެކްސިން ދޭން ފަށާ ހަލުވިކަމާއިއެކު އެ މަސައްކަތް ވިލާތުގައި ކުރިއަށް ދާއިރު، ގުރީސާއި ސްޕެއިންގައި އަންނަނީ ކޯވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް ޚާއްޞަ ސެޓްފިކެޓެއް ދޫކުރުމަށް ބާރު އަޅަމުންނެވެ. އެފަދަ ލިޔުމެއް ދޫކުރުމުން އާންމުންނަށް ދަތުރުފަތުރުކުރުމަށް ފަސޭހަވެގެންދާނެކަމަށް އެ ޤައުމުތަކުން ދެކެއެވެ.

ނަމަވެސް ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން މި ކަމާއި ދެކޭގޮތް މުޅިން ތަފާތެވެ. އެ ޤައުމުތަކުން އެ ޤައުމުތަކުން ބުނަމުންދަނީ އެފަދަ ސެޓްފިކެޓެއް ތަޢާރަފްކޮށްފިނަމަ އޭގެ މާނައަކީ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއްކަމަށެވެ. އަދި އެއީ ވެކްސިން ޖަހަން ބޭނުންނުވާ މީހުންނާއި ވެކްސިން ނުޖެހޭ މީހުންނަށް އިންސާފުވެރިގޮތެއް ނޫންކަމަށްވެސް އެ ޤައުމުތަކުން ބުނެއެވެ.

ވެކްސިން ޖެހުމާއި ދެކޮޅަށް ގިނަ ޢަދަދެއްގެ މީހުން އަޑުއުފުލަމުންދާ ފަރަންސޭސިވިލާތުގެ ސަރުކާރުންވަނީ ވެކްސިން ޖެހުމަށް އެ ޤައުމުގެ ރައްޔިތުންނަށް މަޖުބޫރު ނުކުރާނެކަމަށް ބުނެފައެވެ. އަދި "ވެކްސިން ޕާސްޕޯޓު" ތަޢާރަފްކުރުމާއިމެދު ވިސްނަން އަދި އަވަސްކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ވެކްސިން ޕާސްޕޯޓެއް ތަޢާރަފް ކުރާނަމަ އެކަން ކުރިއަށް ގެންދާނެ ގޮތަކާއިމެދު ގޮތެއް ނިންމުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް އެބަހުއްޓެވެ. އެގޮތުން އެ ސެޓްފިކެޓަކީ ޑިޖިޓަލް އަދި ދުނިޔޭގެ އެހެން ޤައުމުތަކުން ބަލައިގަންނާނެ ލިޔުމެއްތޯއާއި، އެ ސެޓްފިކެޓް ދޫކުރާނީ ވެކްސިން ދިނުމުގެ ކޮން މަރުހަލާއެއްގައިކަން ނިންމުމަކީ އަދި ވިސްނަންޖެހޭ ކަންކަމެވެ. ވިލާތުގެ އިއްތިޙާދުގެ އިސްވެރިން ތައްޔާރުކޮށްފައިވާ ޑްރާފްޓު ބަޔާނެއްގައި ބުނީ ހުރިހާ ޤައުމަކުންވެސް ވެކްސިން ސެޓުފިކެޓު ދޫކުރުމުގައި އެއް އުސޫލުތަކެއް ކަނޑައަޅާ އެކުގައި މަސައްކަތް ކުރުމަށް ގޮވައިލާކަމަށެވެ.

ރަސްމީ ފަރާތްތަކުން ބުނީ ވެކްސިން ސެޓުފިކެޓާއި ގުޅޭގޮތުން އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނާއި އޯގަނައިޒޭޝަން ފޮރ އެކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއާއިއެކު ވިލާތުގެ އިއްތިޙާދުން މަސައްކަތްކުރަމުންދާކަމަށެވެ. ނަމަވެސް ވެކްސިން ސެޓުފިކެޓު ދޫކުރުމަކީ އެކަމާއި ގުޅިގެން ޤާނޫނީ ސުވާލުތައް އުފެދޭނެކަމެއްކަމަށް ބައެއް ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

ކޯވިޑްގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ބަލިޖެހުމުން ރައްކާތެރިކަން ލިބުނު ކަމުގައިވިޔަސް އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިޖެހިދާނެކަމާއި މެދު ޑަބްލިއުއެޗުއޯއިން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާކަންވެސް ވިލާތުގެ އިއްތިޙާދުގެ ރަސްމީ ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ކުރިން ކޯވިޑް ޖެހި، ވައިރަހާއި ދެކޮޅަށް ހަށިގަނޑުގައި އެންޓިބޮޑީ އުފެދިފައިވާ މީހުންނަށް ވައިރަހާއި ދެކޮޅަށް ރައްކާތެރިކަން ލިބެނީ ކިހާ މުއްދަތަކަށްކަން ކަނޑައެޅިގެން ސާފު ނުވާކަމަށާއި އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭނެކަން ނުވަތަ ނޫންކަން އަދި ޔަޤީން ނުކުރެވޭއިރު ވެކްސިން ސެޓްފިކެޓެއް ދޫކުރެވިދާނެތީ މީވެސް އެއްބަޔަކު އުފައްދާ ސުވާލެކެވެ.

މި ބަލިމަޑުކަމާއި ގުޅޭ ގޮތުން ނޭނގޭ ގިނަ ކަންތައްތަކެއް ހުރި އިރު ވެކްސިން ސެޓުފިކެޓު ދޫކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ވިލާތުގެ ބައެއް ޤައުމުތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ވެކްސިން ސެޓުފިކެޓާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ވިލާތުގެ އިއްތިޙާދުގެ ދެކުނުގެ ޤައުމުތަކަށް ދަނީ ވަގުތު ކުޑަތަންވަމުންނެވެ. އެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކަށް ކުރިއަށް އޮތް މަސްތަކަށް ތައްޔާރުވުމަށް ކަންކުރަންވީ ގޮތާއި މެދު އިރުޝާދު ބޭނުންވެއެވެ. ވިލާތުގެ ހުރިހާ ޤައުމަކުން އެކުގައި އެއްބަސްވުމަކާއި ހަމައަށް އައުމަށް ބޭނުންވި ނަމަވެސް ބައެއް ޤައުމުތަކުން ވަކިވަކިން ގޮތެއް ނިންމުމަކީވެސް އެކަށީގެންވާކަމެކެވެ.

މިމަހުގެ ކުރީކޮޅުގައި ގުރީސާއި އިސްރާއީލުންވަނީ ކޯވިޑް ވެކްސިން ޖަހާފައިވާކަމުގެ ހެއްކާއިއެކު ގުރީސަށް ދަތުރުކުރާ އިސްރާއީލުގެ ރައްޔިތުންނަށް ދަތުރުކުރުމުގައި ލުއި ދިނުމަށް އެއްބަސްވެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.