ޚަބަރު

ހައިކޯޓްގެ ދެކުނު ގޮތްޕަށް ފަނޑިޔާރު އަބްދުލް ޣަނީ


ހައިކޯޓްގެ ދެ ގޮފީގެ ތެރެއިން
ދެކުނުގައި ގާއިމްކުރި ގޮފިން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރު
އަބްދުލް ޣަނީ މުހައްމަދު ހަމަޖައްސައިފިއެވެ.



މި މަގާމަށް ފަނޑިޔާރު އަބްދުލް ޣަނީ
މުހައްމަދު މި ހަމަޖެއްސީ އެ ގޮތްޕަށް
އައްޔަންކުރި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އައްބާސް ޝަރީފް އަމިއްލަފުޅަށް މަގާމުން ރިޓަޔަރ ކުރެއްވުމާއި
ގުޅިގެންނެވެ. 



ހައިކޯޓްގެ ދެކުނުގެ ގޮތްޕަށް ފަނޑިޔާރު
ޣަނީ ހަމައްސައްވާފައިވަނީ މިއަދު ސުޕްރީމްކޯޓުން ނެރުނު ގަރާރަކުން. މި ގަރާރް
ބުނާގޮތުން އެ މަގާމަށް ފަނޑިޔާރު ޣަނީ ހަމަޖައްސަން ނިންމީ ސުޕްރީމްކޯޓްގެ
ފަނޑިޔާރުން މަޖްލީހުގެ އިއްތިފާގުންނެވެ.



ކުރިން ހައިކޯޓްގެ އިސް ފަނޑިޔާރުކަން
ކުރައްވާފައިވާ  ޣަނީއަކީ ކުރީގެ ޑިފެންސް
މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށްލާން ކުރި ހުކުމްގެ
އިސްތިއުނާފް މައްސަލަ ބައްލަވާ ބެންޗުގެ ރިއާސަތުވެސް ބަލަހައްޓަވާ ފަނޑިޔާރެވެ. ކުރިން އެ  ގޮތްޕަށް ހަމަޖެއްސެވި އައްބާސް
ޝަރީފްއަކީވެސް  އެ މައްސަލައިގެ
ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. 



ހައިކޯޓްގެ ދެކުނު ގޮފީގައި ޣަނީގެ
އިތުރުން ދެން ތިއްބަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބް
ހުސެއިން ޒަކަރިއްޔާ އެވެ. 



ކޯޓްތަކުގެ ގާނޫނަށް ގެނައި އިސްލާހްގެ ދަށުން ރާއްޖޭގެ
އުތުރާއި ދެކުނު ގައި ހައިކޯޓްގެ  ދެ  ގޮތްޕެއް ހަދަން ޖެހޭއިރު މިހާތަނަށްވެސް
އުތުރު ގޮތްޕަށް ފަނޑިޔާރުން ކަނޑައަޅަފައިނުވެއެވެ. ކޯޓްތަކާއި ބެހޭ ގާނޫނު
ބުނާގޮތުން އެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާތާ ނުވަދިހަ
ދުވަހުގެ ތެރޭގައި ހައިކޯޓްގެ ދެ ގޮތްޕަށް ފަނޑިޔާރުން ކަނޑައަޅަންޖެހެއެވެ. ގާނޫނުން
މިކަން މަތިކޮށްފައިވަނީ ސުޕްރީމްކޯޓަށެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ އެގާރަވަނަދުވަހު އެވެ.